މަޖީދިޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއަށް ނައިބު ރައީސކު ހޮވުމަށް ބާއްވާ އިންތިހާބު މާދަމާ ބާއްވާ ގޮތަށް އެ ޖަމިއްޔާއިން ހަމަޖައްސައިފިއެވެ.
"ސަން" އަށް މައުލޫމާތު ދެމުން އެ ޖަމިއްޔާގެ ރައީސް އަޙްމަދު އަފްޢާލް ވިދާޅުވީ މި އިންތިހާބުގައި ޖުމްލަ 709 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
އަދި ވޯޓުލުން ކުރިއަށްދާނީ މާދަމާގެ ހެނދުނު 8:00 އިން ފެށިގެން އިރު އޮއްސި 6:00 އަށް ކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ. އަދި ވޯޓުލައި ނިމުމަށްފަހު މާދަމާރޭ 9:00 ގެ ކުރީން ވޯޓުގެ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މި އިންތިހާބުގައި ބޭނުންކުރަނީ ފުލީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ކަމަށެވެ. އެހެންކަމުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ވޯޓިން ސިސްޓަމް ފޮނުވަމުންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނިމިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު އަށް ފަރާތަކުން ވަނީ އެ މަގާމަށް ކުރިމަތިލައިފައެވެ.
މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ:
- ކެންޑިޑޭޓް ނަމްބަރު 01: ހުސައިން ސުހައިލް
- ކެންޑިޑޭޓް ނަމްބަރު 02: މުހައްމަދު ޝިފާން
- ކެންޑިޑޭޓް ނަމްބަރު 03: އިސްމާއިލް ސާޖިދު
- ކެންޑިޑޭޓް ނަމްބަރު 04: އަބްދުލް ހަމީދު އަބްދުއްރަހީމް
- ކެންޑިޑޭޓް ނަމްބަރު 05: މުހައްމަދު ޝަރަފް
- ކެންޑިޑޭޓް ނަމްބަރު 06: މުހައްމަދު އިނާޛު
- ކެންޑިޑޭޓް ނަމްބަރު 07: ހުސްނީ އަގީލް
- ކެންޑިޑޭޓް ނަމްބަރު 08: މުހައްމަދު އަބްދުﷲ ސައީދު
މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ އަކީ މަޖީދިއްޔާ ސްކޫލުުން ކިޔަވާ ނިންމާ ހުރިހާ ދަރިވަރުން ހިމެނޭހެން އެ ޖަމިއްޔާ އުފައްދާފައި ވަނީ 1946 ވަނަ އަހަރުގައި ކުރީގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މިއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ޖަމިއްޔާއެވެ.