އެހާރާއި މިހާރުގެ ހަނދާންތަކާއެކު ބޭއްވި މަޖީދީ ދަންމަރު މިއުޒިކް ޝޯއަށް ބޮޑު ތަރުހީބެއް

މަޖީދިއްޔާ ސްކޫލުގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފަށާފައިވާ ކައުންޓްޑައުން ހަރަކާތްތަކާ ގުޅުވައިގެން އެ ސުކޫލުގައި މިއުޒިކް ކުޅުއްވި މުސްކުޅި ދަރިވަރުންތަކެއް އިސްނަންގަވައިގެން "މަޖީދީ ދަންމަރު"ގެ ނަމުގައި ރޭ ބޭއްވި މިޔުޒިކް ޝޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި ޝޯއާ ގުޅުން ހުރި މައުލޫމާތުތައް ހިއްސާކުރައްވަމުން މަޖިދީ ދަންމަރުގެ މިއުޒިޝަން ޝަމްއޫން ހަމީދު ވިދާޅުވީ، ރޭގެ މިއުޒިކް ޝޯއަށް ވަރަށް ފުރިހަމަ ތަރުހީބެއް ލިބުނު ކަމަށެވެ.

މި ޝޯ ބޭއްވި މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން މާލަމުގައި ކަމަށްވާއިރު، އެތަން އެެއްކޮށް ފުރުނު ކަމަށާއި ޝޯގައި ތިން ބޭންޑެއްގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލި ކަމަށް ޝަމްއޫން ވިދާޅުވިއެވެ. އޭގެ ތެރޭގައި، އެ ސުކޫލުގެ މުސްކުޅި ދަރިވަރުންގެ ބޭންޑާއި މިހާރު ވެސް އެ ސުކޫލުގައި މިއުޒިކް ކުޅޭ ދަރިވަރުންގެ ދެ ބޭންޑެއް ހިމެނެއެވެ.

މަޖީދީ ދަންމަރު ޝޯގައި ފަންނުވެރިންގެ ހުށަހެޅުންތައް ދައްކާލަނީ: އެ ޝޯއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ----

"އަޅުގަނޑު ދަންނަވާނީ ވަރަށް ފުރިހަމަ ތަރިހީބެއް ލިބުނު މަޖީދިއްޔާގެ ފަންނުވެރިންގެ ފަރާތުން ވެސް، ބައެއް ބޭފުޅުންނަށް ބައިވެރިނުވެވުނަސް، ބައިވެރިވެވެން ތިބި ގިނަ ބޭފުޅުން ބައިވެރިވި،" އޭނާ ވިދާޅުވިއެވެ.

މި ޝޯގައިވަނީ މައިޒާން ޢަލީ މަނިކު، ޢަބްދުއްރަޝީދު ޢަލީ (އަބުސީ)، ޕެނަމާ ޝަފީޤް، ޝަމްޢޫން ޙަމީދު، އިބްރާހީމް ޢާމިރު، ފަޔާޒް މަންޞޫރު، މުޙައްމަދު ސުހައިލް، ޢަބްދުﷲ ޝަމާލް، އަޙްމަދު އަނިލް، އަޙްމަދު ޢާމިރު، އަޙްމަދު ސުނިލް، އަޙްމަދު ޢާޠިފް (އެކްސްރޭ)، މަބާޙް، އަޙްމަދު އިބްރާހީމް (އައްމަޑޭ)ގެ އިތުރުން ވެސް އެތައް ފަންނާނުންނެއްގެ ހުށަހެޅުންތަކެއް ދައްކާލާފައެވެ.

މަޖީދީ ދަންމަރު ޝޯގައި ފަންނުވެރިންގެ ހުށަހެޅުންތައް ދައްކާލަނީ: އެ ޝޯއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ----

އެހާރާއި މިހާރުގެ ލަވަތައް މި ޝޯގައި ހުށަހަޅާފައިވާއިރު، އެ ސުކޫލުގައި އުޅުނު 19 އަހަރުގެ ދަރިވަރަކު ވެސް މަޖީދީ ދަންމަރުގައި ލަވައެއް ހުށަހަޅާދިންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މަޖީދީ ދަންމަރު މިއުޒިކް ޝޯގެ ޓިކެޓުތައް ވިއްކީ 300 ރުފިޔާ، 200 އަދި 150 ރުފިޔާއަށް ކަމަށްވާއިރު، 300 ރުފިޔާއާއި 200 ރުފިޔާގެ ޓިކެޓުތައް އެއްކޮށް ވިކުނު ކަމަށް ޝަމްއޫން ވިދާޅުވިއެވެ. ނަމަވެސް، 150 ރުފިޔާ ބައެއް ޓިކެޓުތައް ނުވިކޭކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ޖުމްލަކޮށް މި ޝޯއިން ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

މަޖީދީ ދަންމަރު ޝޯގައި ފަންނުވެރިންގެ ހުށަހެޅުންތައް ދައްކާލަނީ: އެ ޝޯއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ----

އޭނާ ވިދާޅުވީ، މި ޝޯއިން ލިބުނު ފައިސާ ބޭނުން ކުރާނީ އެ ސުކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކަށް ކަމަށެވެ. އަދި، މި ޝޯއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

https://sun.mv/194377

ފާހަގަކޮށްލެވޭ ގޮތުގައި، ސްކޫލަށް 100 އަހަރު ފުރޭނެ ތާރީޚަށް 1000 ދުވަހުގެ ކައުންޓްޑައުންއެއް މިދިޔަ އަންގާރަ ދުވަހު ފަށާފައިވާއިރު، އަހަރީ ދުވަހާ ގުޅުވައިގެން ވަނީ ހަނދަނީ ބިނާއެއް ގާއިމު ކުރުމަށް ވެސް ނިންމާފައެވެ.

comment ކޮމެންޓް