އަހުމަދު އަޒްމީ ނުވަތަ އާންމު ނަމުންނަމަ ބާޗީ ކުރެހުމާއި އާޓްގެ އެކި މީޑިއަމް އަށް ލޯބި ޖެހުނީ ކިހާ ހިސާބަކުން ކަމެއް ނޭނގެއެވެ. ނަމަވެސް އެނގޭހާ ވެސް އެއްޗަކީ ހަނދާންވާން ފެށިއިރުން ވެސް ކުރެހުމަކީ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އަދި އާޓް އަށް ބާޗީގެ ހިތުގައި އޮތީ ވަކި ޚާއްސަ ޖާގައެއް ދެވިފައެވެ. ބާޗީގެ ހިތުގެ ތެރޭގައި އުފެދޭ ސުވާލުތަކާއި ދެކެވޭ ވާހަކަތާއި ހަނދާންތައް އާންމުންނަށް ކިޔައިދިނުމަށް ގެންގުޅެނީ މި ކުރެހުމާއި އާޓެވެ. އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދެނީ މި އާޓު މެދުވެރިކޮށެވެ.
ބާޗީ އަކީ ދިވެހި އާޓިސްޓުންނަށް އާންމު ނަމަކަށް ނުވާނެއެވެ. މިއީ ދިވެހި އާޓިސްޓުންނަށް ތަފާތު އެކި ގޮތްގޮތުން އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެކެވެ. އެހެން މީހުންނަށް އެހީވުމުގެ ތެރޭގައި މިފަހަރު ބާޗީގެ އަމިއްލަ ހުނަރަށް ވަގުތު ކޮޅެއް ހުސްކޮށް އޭނާގެ ވާހަކަތައް ކިޔައިދޭން ބޭނުންވިއެވެ.
މި އުއްމީދުގައި މީގެ ތިންވަރަކަށް ހަފުތާ ކުރީން ބާޗީ ފެށީ ތަފާތު މަސައްކަތްތަކެއް ކުރާށެވެ. ތަފާތު ވައްތަރެއްގެ އާޓްވޯކުތައް އުފައްދަން ފެށީ ކޮންމެ ދުވަހަކު އޭނާގެ ވަގުތުން 12 ގަޑިއިރު ހުސްކޮށްގެނެވެ.
"ކޮންމެ ދުވަހަކު 12 ގަޑިއިރު ހުންނާނީ އާޓު އުފެއްދުމަށް ވަގުތު ހޭދަކޮށްފައި. ކޮންމެ ރެއެއްގެ ނުވައެއް ޖަހާއިރުން ފެށިގެން ހެނދުނު ވަންދެއް އިންނަނީ މި މަސައްކަތެއްގައި. އެއީ އެންމެ ހަމަޖެހިލައިގެން ހިމޭނުގައި އިނދެ މަސައްކަތް ކުރަން ލިބޭ ވަގުތު،" ބާޗީ ކިޔައިދިނެވެ.
ބާޗީގެ އާޓްވޯކުތައް ދައްކާލުމަށް ދާދި ފަހުން ވަނީ ޚާއްސަ އެގްޒިބިޝަނެއް ފަށާފައެވެ. "ހުދު" ނަމުން ފެށި މި އެގްޒިބިޝަންގައި ބާޗީ ތަފާތު އާޓްވޯކުތައް ފެންނަން ހުންނާނެއެވެ. މާލޭ އާޓް ގެލެރީގައި ހުޅުވާފައިވާ އެގްޒިބިޓަށް ތައްޔާރުވުމަށް ބާޗީ މަސައްކަތް ކޮށްފައިވަނީ ރޭގަނޑު ހޭލާ ހުރެއެވެ.
މި މުޅި އެގްޒިބިޝަނަށް "ހުދު" މި ނަން ދެވިފައިވަނީ އެ ހުރިހާ އާޓްވޯކެއް ވެސް ތައްޔާރު ކޮށްފައިވަނީ ހުދުކުލައަށް ވުމާ ގުޅިގެންނެވެ. އެ ނަން ދިނުމަށް ބާޗީ ވިސްނީ، ހުދު ކުލަ އަކީ މައުސޫމު ކަމާއި ސާފުކަން ރަމްޒުކޮށްދޭ ކުލައަކަށް ވުމުންނެވެ.
"މި ކުލަ އަކީ އާދައިގެ ސިމްޕަލް ކަމާއި ޕާފެކްޝަނާ ވެސް ގުޅުންހުރި ކުލައެއް. އާ ކަންތައްތަކަށް ސިކުނޑި ހުޅުވާލައިގެން ހުރުމާއި ސެލްފް ރިފްލެކްޝަނަށް ވެސް މި ކުލަ ރަމްޒު ކޮށްދޭ،" ހުދު ނަމަށް ނަގައި ހުދު ކުލައިގެ ތީމް އެގްޒިބިޝަނެއް ބޭއްވުމުގެ ފަހަތުގައިވާ ސަބަބު ކިޔައިދެމުން ބާޗީ ބުންޏެވެ.
އެއާއެކު އާޓުތައް ބޭނުންކޮށްގެން ބާޗީ ކިޔައިދޭން ބޭނުންވީ ހަޔާތުގެ އެކި ހަރުފަތްތަކާއި އެކި ހާދިސާތަކުގެ ވާހަކައެވެ. އެ ވާހަކަތަކަކީ އޭނާ އާ ވެސް އަދި އެހެން މީހުންނާ ވެސް ގުޅޭނެ ވާހަކަތަކެވެ. މި ހުރިހާ އާޓްވޯކެއް ތައްޔާރުކޮށްފައިވަނީ މިކްސް މީޑިއާ ބޭނުންކޮށްގެންނެވެ. އޭގެތެރޭގައި މޯލްޑު ކުރުމާއި ސްކަލްޕްޓް ކުރުން ހިމެނެއެވެ. ނަތީޖާ ވަރަށް ވެސް ފުރިހަމައެވެ.
ހުރިހާ އާޓްވޯކެއްގެ ވެސް ހީވަނީ ފަރުދާއެއްގެ ފަހަތުގައި ނިވާވެ، ބޭރަށް ދައްކާލުމަށް ތައްޔާރުވާ އާޓްވޯކްތަކެއް ހެންނެވެ.
ބާޗީގެ އާޓް އިތުރަށް ސިފަކޮށްދެމުން އޭނާ ކިޔައިދެނީ އޭނާގެ އާޓުތައް އިންސްޕަޔާ ވަނީ އޭނާއަށް ކުރެވޭ އިހުސާސްތަކުން ކަމަށާއި އުފެދޭ ސުވާލުތަކުން ކަމަށެވެ.
"އަހަރެންނަށް އެނގޭ އާޓިސްޓުން ވަރަށް ބުނާ އެއްޗެއް އެމީހުން އިންސްޕަޔާ ވަނީ ވަށައިގެންވާ މާހައުލުގެ ރީތިކަމަށް ލޯބި ޖެހިގެނޭ. އަހަރެންގެ އާޓަށް ވެސް އެއީ ކޮންމެވެސް ވަރަކަށް ހަގީގަތެއް. އިންސާނާގެ އެތެރޭގެ އިހުސާސްތަކަކީ ބުނެލަން އުނދަގުވާ އެއްޗެއް. މިއީ އަހަރެންގެ އާޓަށް ވަރަށް މުހިއްމު ބައެއް،" ބާޗީ ކިޔައިދިނެވެ.
ބާޗީގެ އާޓަކީ ހަމައެކަނި އެންމެ ޖާންރާއަކަށް އަލިއަޅުވާލާ އާޓެއް ނޫނެވެ. އަދި އޭނާގެ އާޓުގައި އަލި ކުލަތައް ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް އޭނާ ކިޔައިދެއެވެ.
"މިއީ ހަމަ ދެން ކޮންޓެމްޕޮރަރީ ކެންވަސް އާޓް އަސްލު. އަހަރެންގެ މި އާޓްތައް އުފެއްދުމަށް އާންމުކޮށް އެކި ކަހަލަ މީޑިއަމް ބޭނުންކޮށްފައި ހުންނާނީ. އަދި އެކި ކަހަލަ ސްޓައިލްތަކާއި ޓެކްނިކްތައް ވެސް އެއް އާޓްވޯކުން ފެނުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ކިޔައިދިނެވެ.
އާޓިސްޓުންގެ ތެރޭގައި ބާޗީ މަގުބޫލުވަނީ އޭނާގެ އާޓުވޯކުތަކަށް އެކަންޏެއް ވެސް ނޫނެވެ. އޭނާ އާޓިސްޓުންނަށް އެހީވުމަށް ކުރާ ތަފާތު މަސައްކަތްތަކަކީ ވެސް ގިނަ ބަޔަކަށް ބާޗީ މަގުބޫލުވާ ސަބަބެކެވެ. ބާޗީ އަކީ މޯލްޑިވިއަން އާޓިސްޓުންގެ ކޮމިއުނިޓީގެ ޗެއާޕާސަންއެވެ.
އޭގެއިތުރުން އާޓިސްޓުންނަށް އެހީތެރިވެ އާޓިސްޓުންނަށް ބޭނުންވާ ތަކެތި ހޯދުމަށް ފަސޭހަ ކޮށްދިނުމަށް ބާޗީ ވަނީ "މިއުޒް"ގެ ނަމުގައި އާޓް ފިހާރައެއް ހުޅުވާފައެވެ. އާޓިސްޓުންގެ ހުނަރު ވަރުގަދަ ކުރުމަށް ބޭނުންވާނެ ތަކެތި މިތަނުން ލިބޭނެއެވެ. ނަމަވެސް އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. އާޓިސްޓުންގެ ޕްރޮޑަކްޓެއް ވިއްކުމަށް ބޭނުންވާނަމަ އެ ފުރުސަތުވެސް މިއުޒް މެދުވެރިކޮށް ބާޗީ ފަހިކޮށްދެއެވެ. އާޓިސްޓުންނަށް އެކި ކަހަލަ އާޓު ދަސްކޮށްދިނުމަށް މިއުޒް މެދުވެރިކޮށް ހާއްސަ ކްލާސްތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ވެސް ކުރެއެވެ.
އާޓިސްޓަކަށްވެ ތަފާތު އާޓުތައް އުފައްދަން ބޭނުން ނަމަވެސް އެކި ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މި ދަތިތަކަކީ އާޓިސްޓަކަށް ވެ ހުރެ ބާޗީ ވެސް ކުރިމަތިލާން ޖެހޭ ކަމެކެވެ. ރާއްޖޭގެ އާޓިސްޓުންނަށް އެންމެ ބޮޑަށް ދިމާވާ އެއް މައްސަލައަކީ އެހާ ވަގުތާއި ޚަރަދު ކޮށްގެން އުފައްދާ އާޓްވޯކުތައް ވިއްކުމަށް އުނދަގޫ ވުމެވެ. މިއީ ބާޗީއަށް ވެސް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް އޭނާ ފާހަގަކުރެއެވެ. އެގޮތުން ރިޒޯޓުތަކުގައި ވެސް އާޓްވޯކު ވިއްކުމަށް ފުރުސަތު ހޯދަން އުނދަގޫ ކަމަށް އޭނާ ފާހަގަކުރިއެވެ.
ނަމަވެސް މިއިން އެއްވެސް ކަމަކީ އާޓިސްޓަކަށްވެ ހުރެ ހިތްވަރު އެލުވާލެވޭނެ ކަމެކެވެ. އެހެންވީމާ އާޓިސްޓުންނަށް ރަނގަޅު ކުރިމަގެއް ފެންނަންދެއް އެ މަގު ހޯދުމަށް ވެސް މަސައްކަތް ކުރުމަށް ބާޗީ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.