ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަޝްވަރާކުރެވުނު: ޖެންޑާ މިނިސްޓަރު

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ --- ފޮޓޯ/ މަޖިލިސް

ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން 'ޗައިލްޑް' ކެއާ ސްޕޭސް' ގާއިމް ކުރުމަށް ރައީސް އޮފީހާއެކު މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަޝްވަރާ ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ ޑޭކެއާ ސެންޓަރުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް މިނިސްޓަރު ޖަވާބުދެއްވާފައިވަނީ ލިޔުމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރެއިން މާލޭގައި އެފޯޑަބަލް ޑޭކެއާގެ ޚިދުމަތްދޭ ތަނެއް ވުޖޫދުކުރުމަށް އެ މިނިސްޓްރީން މިހާތަނަށް އައިއިރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޑޭކެއާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލެއިން ބޭނުންވާ ޖާގަ ކަށަވަރު ކުރުމަށްޓަކައި 2021 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް މިނިސްޓްރީން ކަމާ ގުޅުންހުރި އެކި އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް މާލޭގެ ޖާގައިގެ ދަތިކަމާހުރެ ޑޭކެއާގެ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއް ގާއިމްކުރުމަށްޓަކައި މާލެއިން ޖާގައެއް މިނިސްޓްރީއަށް ލިބިފައިނުވާކަން ފާހަގަކުރަން،" މިނިސްޓަރުގެ ސިޓީގައިވެއެވެ.

މިނިސްޓަރު ވިދާޅުވީ އެ ސަބަބާހުރެ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީން ފަށަފައިވާ 'ސްރެންތެނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް' (އެސްޖީއައިއައި) ޕްރޮޖެކްޓްޓުގައި ހިމަނައިގެން ޑޭކެއާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލޭގައި ތަނެއް ގާއިމްކުރުމަށް ކުރަމުން އައި މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ މަގު ބަންދުވެ، އެސްޖީއައިއައި ޕްރޮޖެކްޓުން އެ މަސައްކަތް އުނިކޮށްފައިވާ ކަމަށެވެ.

މާލޭގައި އެފޯޑަބަލް ޑޭކެއާގެ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއް ގާއިމް ކުރުމަށްޓަކައި މާލެއިން ޖާގައެއް ހަމަނުޖެހުމުން ވަޒީފާ އަދާކުރާ މައިންބަފައިންނަށް ވަޒީފާއަށް ނުކުންނަން ޖެހުމުގެ ސަބަބުން ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބޭނުންކުރެވޭ ތަފާތު އެހެން މޮޑެލްތައް ދިރާސާ ކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން 'ޗައިލްޑް' ކެއާ ސްޕޭސް' ގާއިމް ކުރުމަށް ރައީސް އޮފީހާއެކު މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަޝްވަރާ ކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ތަންފީޒު ކުރުމަށްޓަކައި މަޝްވަރާ ކަރުދާހެއް އެކުލަވާލައި ސޯޝަލް ކައުންސިލަށް މިނިސްޓްރީން ހުށަހެޅުމުން އެ ކަރުދާހުގައިވާ ހުށަހެޅުންތަކާ އެއްގޮތަށް ތަންފީޒުކުރުމުގެ މަސައްކަތް ސޯޝަލް ކައުންސިލުން ލަފާދިން ކަމަށެވެ. އޭގެ ފަހުން 'ޗައިލްޑް ކެއާ ސްޕޭސް' ގެ މިނިމަމް ސްޓޭންޑަޑެއް ތައްޔާރުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެފަދަ ތަނެއް ގާއިމްކުރުމާ ގުޅޭގޮތުން ކުންފުނިތަކާއެކު ވަކިވަކިން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު މި މަހުގެ ހަވަނަ ދުވަހު ހުޅުމާލޭގައި ޑޭކެއާ ސެންޓަރެއް ގާއިމްކުރަން އެޗްޑީސީން ވަނީ އެސޯސިއޭޓެޑް ބިޒްނަސް އެޖެންޓްސްއާ ހަވާލުކޮށްފައެވެ.

އެ ސެންޓަރު ހިންގަން އިމާރާތްކުރަނީ ހަ ފްލޯ ހިމެނޭ 3000 އަކަފޫޓުގެ އިމާރާތެކެވެ. ޑޭކެއާ ސެންޓަރެއް ގާއިމް ކުރަނީ ވަޒީފާގައި އުޅޭ ވަގުތު ދަރިން ރައްކާތެރިކަމާއެކު ބެލޭނެ ނިޒާމެއް ހުޅުމާލޭގައި ގާއިމް ކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް