ޗައިނާ އިސްވެ އޮވެގެން އުފައްދާފައިވާ "ބްރިކްސް" ޖަމާއަތުގައި ބައިވެރިވާން ބޭނުންކަން ސައޫދީ ހާމަކޮށްފި

ބްރިކްސް ޖަމާއަތުގެ ގައުމުތަކުގެ އިސްވެރިން

ރިޔާޟް (24 އޮކްޓޯބަރު 2022): ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ޖަމާއަތް ކަމަށްވާ "ބްރިކްސް" ޖަމާއަތުގައި ބައިވެރިވާން ބޭނުންވާކަން ސައޫދީ އަރަބިއާ އިން ހާމަކޮށްފިއެވެ.

ސައޫދީ އަށް ކުރެއްވި ދަތުރުފުޅަކަށްފަހު ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯޒާ ވިދާޅުވީ "ބްރިކްސް" ގައި ސައޫދީ ބައިވެރިވުމުގެ ޝައުޤުވެރިކަން ސައޫދީ ވަލީއުލްއަހުދު މުހައްމަދު ބިން ސަލްމާނު ފާޅުކުރައްވާފައިވާ ކަމުގައެވެ.

"ބްރިކްސް" އަކީ ޗައިނާ އިސްކޮށް އޮވެގެން 2009 ވަނަ އަހަރު އެކުލަވާލި އިގްތިސާދީ ޖަމާއަތެކެވެ. މިޖަމާއަތުގައި ހިމެނެނީ ޗައިނާގެ އިތުރުން ރަޝިއާ، އިންޑިއާ، ދެކުނު އެފްރިކާ އަދި ބްރަޒިލްއެވެ. މި ޖަމާއަތުގެ އޮބްޒާވަރެއްގެ ހައިސިއްޔަތު އީރާނާއި އާޖެންޓީނާ އަދި އިންޑޮނީޝިއާއަށްވަނީ ދީފައެވެ.

މިތިން ގައުމަކީ "ބްރިކްސް"އަށް ވަނުމުގެ ޝައުގުވެރިކަން މާކުރީއްސުރެ ފާޅުކޮށްފައިވާ ތިން ގައުމެވެ. "ބްރިކްސް" ގެ ބައްދަލުވުންތަކާއި ސަމިޓްތަކުގައި އޮބްޒާވަރެއްގެ ހައިސިއްޔަތުން ބައިވެރި ވުމުގެ ފުރުސަތު މިތިން ގައުމަށް ދެމުން ގެންދެއެވެ.

މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހު ބޭއްވި "ބްރިކްސް" ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ވަނީ "ބްރިކްސް" ގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް އެމެރިކާ ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ކުރުމާބެހޭގޮތުންނާ އަދި "ބްރިކްސް" ގެ ގައުމުތަކަށް ޚާއްސަ ފައިސާ އެއް އެކުލަވާލުމާބެހޭގޮތުންވެސް މަޝްވަރާ ކޮށްފައެވެ.

މިމަޝްވަރާތަކަށްފަހު ބްރިކްސްގެ ގައުމުތަކުން ގެންދަނީ އެޖަމާއަތުގެ ގައުމުތަކަށް ޚާއްސަ ފައިސާ އެއް ވުޖޫދަށް ގެނައުމާބެހޭ ދިރާސާއެއް ފަށާފައެވެ. މިމައްސަލާގައި ބްރިކްސް ގެ ގައުމުތަކުން ގޮތެއް ނިންމާނީ މިދިރާސާއަށް ރިޔއާޔަތް ކުރުމަށްފަހުގައެވެ.

"ބްރިކްސް" ގެ ސަމިޓުން ނެރުނު ބަޔާން ބުނާގޮތުން އެޖަމާއަތް އޮތީ މަރުހަލާ ތަކަކަށް ބަހާލައިގެން އެހެން ގައުމުތައްވެސް އެޖަމާއަތުގައި ބައިވެރިވުމުގެ ފުރުސަތު ދޭގޮތަށެވެ. އެންމެ ފަސް ގައުމުގެ ޖަމާއަތެއްގެ ގޮތުގައި އަބަދު އޮންނަން ބޭނުންނުވާކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގެ ދެވަނަ އިގްތިސާދު ކަމަށްވާ ޗައިނާއާއި ހަވަނަ އިގްތިސާދު ކަމަށްވާ އިންޑިއާ އާއި ދުނިޔޭގައި ގުދުރަތީ ގޮތުން ރިސޯސްފުލް ގައުމު ކަމަށްވާ ރަޝިއާވެސް "ބްރިކްސް" ގައި ހިމެނޭތީ ދުނިޔޭގެ އިގްތުސާދުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ "ބްރިކްސް" ޖަމާއަތެވެ.

މީގެއިތުރުން އާބާދީއަށް ބަލާއިރުވެސް ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ ހިއްސާކުރަނީ "ބްރިކްސް" ޖަމާއަތެވެ. "ބްރިކްސް" ޖަމާއަތަކީ ދުނިޔޭގެ ޖިއޮޕޮލިޓިކްސް އަށް ބަލާއިރު ޗައިނާއާއި ރަޝިއާގެ ފަޅިކަމަށްވާއިރު މިޖަމާއަތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ އަރަބިއާ އިން ފާޅުކުރުމަކީ ސައޫދީ ސިޔާސަތަށް ބަދަލުތަކެއް އަންނަމުންދާކަން ހާމަވާ ކަމެއްކަމަށް މުރާސިލުން ދެކެއެވެ.

"ބްރިކްސް" ގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީން ފާޅުކުރުމުން ޗައިނާވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.

comment ކޮމެންޓް