އަތޮޅު ތެރޭގެ ރަށްތަކުގައި ވަޒީފާގެ ފުރުސަތުތައް މަދުވާ ސަބަބުތައް އެބަހުރި ކަމަށާއި އެ ސަބަބުތައް ބަލައި އެކަންކަން ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުން ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުޞާލިހް މިރޭ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވާ އެތައް ސަބަބުތަކެއް އެބަހުރިކަމަށެވެ.

ޒުވާނުންގެ ދުވަހުގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ލިބުނު ޒުވާނަކަށް ރައީސް އެވޯޑު ހަވާލުކުރައްވަނީ-- ފޮޓޯ/ރައީސްއޮފީސް
ރައީސް ޞާލިހް ވިދާޅުވީ، ރަށްރަށަށް ބޭނުންވާ ހަޤީޤީ ތަރައްޤީ ގެނެވެފައި ނެތުމާއި އެންމެ ޒަރޫރީ ހިދުމަތްތައް ރަށްރަށުގައި ޤާއިމްވެފައިނެތުމަކީ މައިގަނޑު ސަބަބުތައް ކަމަށެވެ.
"އެކަހެރިކޮށްހުރި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އެކަށޭނެ ނިޒާމެއްނެތް. ވަޒީފާތައް އުފެދިގެން އަންނަނީ ވިޔަފާރިތަކާއި ސިނާއަތްތަކުން. އެކަމަށްޓަކައި މުހިއްމު އަސާސީ ތިން ހިދުމަތެއް ކޮންމެހެން އެބަ ބޭނުންވޭ. އެއްކަމަކީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް. ދަތުރުފަތުރުގެ އިތުބާރުހުރި ނިޒާމެއް. ތިންވަނަ ކަމަކީ މުއާސަލާތީ ނިޒާމެއް. މި ޒަމާނަށް ބަލާއިރު އެއީ އިންޓަނެޓްގެ ހިދުމަތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހް ވިދާޅުވީ ރަށްރަށުގައި ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ވޭތުވެދިޔަ ތަނުގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ ބިޔަ މަޝްރޫޢުއެއް ފަށައިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ތަރައްޤީކުރަމުން އަންނަ އާރުޓީއެއެލް ފެރީގެ ނިޒާމާ ބަހުގެ ނިޒާމުން ވެސް ރަށްރަށުގައި އެތައް ސަތޭކަ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ލިބުނު ޒުވާނަކަށް ރައީސް އެވޯޑު ހަވާލުކުރައްވަނީ-- ފޮޓޯ/ރައީސްއޮފީސް
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޤައުމަށް ޚިދުމަތްކުރުމުގައި ޒުވާނުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، ވަރަށް މުހިއްމު ދާއިރާތަކުން ހިދުމަތްކުރާ ޒުވާނުން އެބަތިބި ކަމަށެވެ. ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ޒުވާނުންގެ ބައިވެރިވުމާއިއެކު ޤައުމު ތަރައްޤީކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ޤައުމު ކުރިއަރުވަން އެދޭނަމަ އެންމެ ފުރަތަމަ ކުރިއަރަން ޖެހެނީ ތިމާގެ އަމިއްލަ ނަފްސު. އެއީ ތިމާ އަޅާ ހެދުމަކުން ނުވަތަ ދިރިއުޅޭ ވައްޓަފާޅިއަކުން ހާސިލްވާ އެއްޗެއް ނޫން. އެކަން ހާސިލް ވާނީ މާﷲ ދެއްވި ވިސްނުމުގައި ތިމާގެ ހަށިގަނޑު ތަރައްޤީކޮށްގެން. ތައުލީމާއި ހަށިގަނޑުގެ ތަރުބިއްޔަތު ޒުވާނުންނަށް މުހިއްމު ވަނީ އެ ސަބަބަށްޓަކައި. ބުއްދިއާ ވިސްނުން ތަރައްޤީކޮށްދެނީ ތައުލީމުން،" ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ލިބުނު ޒުވާނަކަށް ރައީސް އެވޯޑު ހަވާލުކުރައްވަނީ-- ފޮޓޯ/ރައީސްއޮފީސް
އިތުރަށް ވާހަކަދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީ ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.
މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާކަމަށާއި، ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ރޭވުންތެރިކަމާއެކު ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.