ކަރަންޓު ކަނޑައިލިި މައްސަލައިގައި އެފްއޭއެމްއަށް ގޯސްވީ ސްޓެލްކޯ

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރުން --- ސަން ފައިލް ފޮޓޯ/ މުޙައްމަދު ހައްޔާން

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ކަނޑައިލީ ސްޓެލްކޯގެ އިހުމާލުން ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެފްއޭމްއިން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގައިގެން ވެސް ދައްކާފައިނުވާތީ ސްޓެލްކޯއިން މިއަދު ވަނީ އެތަނުގެ ކަރަންޓު ކަނޑާލައިފައެވެ.

އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާގެ ހައުސްއިން ކަރަންޓު ކަނޑާލާފައިވަނީ ޤަވާއިދާ ޚިލާފަށް ބިލް ކުރެވިފައިވާ އަދަދުތަކާއި ދިވެހި ދައުލަތުގެ އެކިއެކި ބޭނުމަށް އެފްއޭއެމް އިމާރާތް ބޭނުންކޮށްފައިވާ އަދަދުތަކާ އެކު ޖުމްލަ އަދަދެއް ކަނޑައަޅައިގެން ކަމަށާއި، އެ ޚަރަދުތަކަށް އެ އެސޯސިއޭޝަނުން ޒިންމާވާން ނުޖެހޭނެކަމަށެވެ.

"ދިވެހިރާއްޖޭގައި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭ ދަނޑުތަކާއި ކޯޓްތަކަކީ އެތަންތަނުގެ ކަރަންޓާއި ފެނުގެ ޚަރަދު ދައުލަތުގެ ފަރާތުން ބަލަހައްޓާ ތަންތަން ކަމުގައި ވީނަމަވެސް ފުޓުބޯޅަ ކުޅުމަށް ބޭނުންކުރެވޭ މާފަންނު ޓާފް ދަނޑަކީ އެތަނުގެ ހުރިހާ ޚަރަދެއް، އެފްއޭއެމް އިން ބަލަހައްޓަމުން އަންނަ ތަނެކެވެ. މިއީ އެފްއޭމް ފިޔަވައި ދިވެހިރާއްޖޭގެ އެހެން ގައުމީ އެސޯސިއޭޝަންތަކަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ،" އެ ބަޔާނުގައިވެއެވެ.

އެފްއޭއެމް އިން ބުނީ ކަރަންޓުގެ މައްސަލަތައް ހައްލުކުުރުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރް އަޙްމަދު ޝަރީފާއެކު މިއަހަރުގެ މާޗްމަހު ބައްދަލުކޮށް މިމައްސަލަތައް ހައްލުކުރުމަށްޓަކައި އެ އެސޯސިއޭޝަނުން އެދޭގޮތްތައް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން ދެފާރާތަށް ވެސް ގެއްލުމެއް ނުވާނޭހެން އެކުލަވާލާފައިވާ ޕްރޮޕޯސަލްއެއް ސްޓެލްކޯއަށް ހުށަހަޅާފައިވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"އަދި މި މައްސަލަ ހައްލުކުރުމަށް އެދި ސްޓެލްކޯގެ މިހާރުގެ އެމްޑީއާއެކު މިއަހަރުގެ މާޗް މަހު ބައްދަލުކޮށް އެފްއޭއެމް އިން މިކަން ހައްލުކުރުމަށް އެދޭގޮތާއި ފައިސާ ދެއްކުމުގައި ދެ ފަރާތަށް ވެސް ގެއްލުން ނުވާނޭ ހެން އެކުލަވާލާފައިވާ ޕްރޮޕޯސަލްއެއް ހުށަހަޅާފައި ވަނިކޮށް އިތުރު އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ތަކުރާރުކޮށް މި މައްސަލަ ހައްލުކުރުމަށް އެދިފައިވީނަމަވެސް އަދި މިއަދާއަހައަށް ސްޓެލްކޯގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ހާލު ސޯޝަލް މީޑިއާގައި މިކަން އިއުލާންކޮށް ކަރަންޓް ކަނޑާލާފައި ވަނީ އިޚްލާސްތެރި ނިޔަތެއްގައި ނޫންކަން ފާހަގަ ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެފްއޭއެމް އިން ބުނީ އެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއާ މަޝްވަރާކުރުމަށް އެސޯސިއޭޝަން އަދިވެސް އޮތީ ތައްޔާރަށް ކަމަށެވެ.

ކަރަންޓް ކަނޑާލިކަން އަންގައި ސްޓެލްކޯއިން މިއަދު ކުރި ޓްވީޓްގައި ވަނީ އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެފަދަ ޕްލޭނެއް ހުށަހަޅާފައިނުވާ ކަމަށެވެ.

comment ކޮމެންޓް