ޑައިމަންޑް ޖުބިލީ މުބާރާތަށް ރާއްޖެ ގައުމީ ފުޓުބޯޅަ ޓީމް ކޭމްޕުކޮށްފި

ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ދިވެހި ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާސަ ފުޓބޯޅަ މުބާރާތް ކަމަށްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް މާދަމާ ފަށަން ތައްޔާރުވެފައިވާއިރު، މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މުބާރާތަށް ކޭމްޕުކޮށްފިއެވެ.

ރާއްޖެ ޓީމު ހިމެނޭހެން މުބާރާތުގައި ވާދަކުރާ ހަތަރު ޓީމު ވެސް މިހާރު ކޭމްޕުކޮށްފައި ވަނީ ބާސެލޯ ނަސަންދުރައިގައެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. މި ފޯރިގަދަ މެޗު އޮންނާނީ މާދަމާރޭ 9:00 ގައެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

މުބާރާތުގައި ވާދަކުރާ ބޭރުގެ ޓީމުތައް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.

އަފްޣާނިސްތާން ގައުމީ ފުޓުބޯޅަ ޓީމް މާލެ އައުން.. ފޮޓޯ/ އެފްއޭއެމް

އެގޮތުން އަފްޣާނިސްތާން ޓީމުން އިއްޔެ ހެނދުނު ރާއްޖެ އައިއިރު، ބަންގްލަދޭޝް ޓީމާއި ޕާކިސްތާން ޓީމު ރާއްޖެ އައީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ރާއްޖެއިން މި މުބާރާތަށް އެކުލަވާލި ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ ފުރިހަމަ ކޮމްބިނޭޝަނެއް ފެނިގެންދެއެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމް ކޭމްޕް ކުރުން.. ފޮޓޯ/ ޕީއެސްއެމް

ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާޤް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)، އަމްދާން އަލީ (އޭންޑީ) އަދި އަޙްމަދު އަބްދުﷲ (ލިލީ) ހިމެނެއެވެ.

މީގެ އިތުރުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ވެސް ވަނީ ފުރުޞަތު ދީފައެވެ. އޭގެ ތެރޭގައި ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު އަދި ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުޒަމް ރަޝީދު ހިމެނެއެވެ.

ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖެ ޓީމު ނުކުންނައިރު، މި ސްކޮޑަކީ ތަފާތު ސްކޮޑަކަށް ވާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.

އެގޮތުން ސްކޮޑުގެ އެއްބަޔަކީ 30 އަހަރުން މަތީގެ ކުޅުންތެރިން ކަމަށްވާއިރު، 20 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ވެސް މިފަހަރުގެ ގައުމީ ސްކޮޑުގައި ވަނީ ހިމަނާފައެވެ.

މިފަހަރުގެ މި މުބާރާތަކީ އަނެއްކާ ވެސް ރާއްޖޭގެ ފުޓުބޯޅައަށް އާދިރުމެއް ގެނެސްދޭނެ މުބާރާކަށް ވާނެ ކަމަށް އެފްއޭއެމްއިން ބުނެވެ.

ދިވެހިރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ބާސެލޯ ނަސަންދުރައިގައި ކޭމްޕުކޮށްފިއެވެ. މި މުބާރާތުގައި ވާދަކުރާ އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާން ޓީމުތައް ވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ނުކުންނަ ދިވެހި ޓީމުގެ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ ފުރިހަމަ އެކުލެވުމެއް ހިމެނެއެވެ. މި މުބާރާތަކީ ދިވެހި ފުޓުބޯޅައަށް އާ ދިރުމެއް ގެނެސްދޭނެ މުބާރާތެއް ކަމަށް އެފްއޭއެމްއިން ދެކެއެވެ.

  • ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ޑައިމަންޑް ޖުބިލީ މުބާރާތަށް ބާސެލޯ ނަސަންދުރައިގައި ކޭމްޕުކުރުން.
  • މުބާރާތުގައި ބައިވެރިވާ އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާން ޓީމުތައް ރާއްޖެ އައުން.
  • ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ 9:00 ގައި ގަލޮޅު ދަނޑުގައި އަފްޣާނިސްތާނާ ބައްދަލުކުރުން.
  • ގައުމީ ސްކޮޑުގައި 30 އަހަރުން މަތީގެ ތަޖުރިބާކާރުންނާއި 20 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިން ހިމެނުން.
comment ކޮމެންޓް