ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ތުހުމަތު ކުރެވޭ، ދެ ޕެންޓްހައުސްގެ މިލްކުވެރިކަމަށް ބަދަލެއް އައިސްފާނެ އެއްވެސް ކަމެއް ކުރުން ހައިކޯޓުން ހުއްޓުވައިފިއެވެ.
ޕެންޓްހައުސްގެ އެއްވެސް މުއާމަލާތެއް ކުރުން ހައިކޯޓުން ހުއްޓުވީ، ހަތަރު ކުށެއް ސާބިތުވެ 32 އަހަރަށް ޖަލަށްލާފައިވާ ބައްސާމަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވުމުން، ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން މިއަދު ނެރުނު އަމުރަކުންނެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައެވެ. މި އަމުރުގައި ބުނެފައިވަނީ، އެ ޕެންޓްހައުސްގެ އެއްވެސް މުއާމަލާތެއްކޮށްފިނަމަ، ދައުލަތުން މައްސަލައިގައި އެދިފައިވާ ފަރުވާ ހޯދުމުގެ ފުރުސަތު ބަންދުވެދާނެ ކަމަށެވެ.
އަމީން ކޮންސްޓްރަކްޝަން ކުންފުނީގެ ބަހެއް ނެތި މި އަމުރު ނެރުނީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފާތިމަތު ފަރުހީޒާ އަދި އަބްދުއްރައޫފު އިބްރާހީމް ހިމެނޭ ބެންޗަކުންނެވެ.
މި މައްސަލަ ދަށު ކޯޓުން ސާބިތުނުވުމުން، ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، ދައުލަތުން ކުރިން ބުނެފައިވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމިއިރު، ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް އެ ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ފެންނަ ކަމަށެވެ.
ބައްސާމް، އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތް މުއާމަލާތުގައި އަމީން ކޮންސްޓްރަކްޝަން ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި މި މައްސަލައިގައި ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ އަދި މި މައްސަލައިގައި ދައުވާ ލިބޭ ހަސަން ވަހީދާ ހަވާލުކޮށްފައިވާ ކަން ޝަރިއަތަށް ސާބިތުވާ ކަމަށެވެ.
އެކަމަކު އެ ފައިސާ، ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުން ކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަމަށް ދައްކާ ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް ފައިސާގެ އަދަދަކީ، ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދަކަށްވުމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަންނަން އަމިންއަށް ޖަމާކުރި ކަމުގެ އެއްވެސް ލިޔުމެއް ނެތެވެ.
ގާޒީ ވިދާޅުވި ގޮތުގައި ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާކަން އެނގޭކަށް ނެތެވެ. އަދި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމަށް ދައްކައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވިނަމަވެސް، ބައްސާމްގެ މައްޗަށް އޮތީ ކުށް ސާބިތުވެފައެވެ.