އެމެރިކާގެ ވޮޝިންޓަނަށް ކުރެއްވި ރަސްމީ ދަތުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ނަޝީދު އެމެރިކާއަށް ވަޑައިގެންފައިވަނީ އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމޭޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ 20 ގައުމުގެ މާލީ ވަޒީރުންގެ ނުވަ ވަނަ ބައްދަލުވުމަށެވެ. އެ ދަތުރަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެދަތުރުގައި އެމަނިކުފާނު ބައިވެރިވާ ކަން ހިއްސާ ކުރައްވާ މި މަހުގެ 12 ވަނަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މިވަގުތު ތަރައްގީ ވަމުން އަންނަ ގިނަ ގައުމުތަކުގެ އިގްތިޞާދަށް ބޮޑު ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެ ކަންކަމާމެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކްލައިމެޓް ވަލްނަރަބަލް ފޯރަމް ދެކޭގޮތުގައި ކުރިއަށް މިއޮތް ދެ އަހަރު ގެ ތެރޭގައި، އެ ފޯރަމްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 20 ގައުމާ ގާތަށް އިގްތިޞާދީ ހީނަރުކަން ކުރިމަތިވެ، ދަތިތަކާ ކުރިމަތިލައި އަދި ސޮވަރިން ޑިފޯލްޓްގެ މިންވަރަށް އެ ގައުމުތަކުގެ އިގްތިޞާދު ދިޔުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ވުމާއެކު އެ ފޯރަމުން މާލީ އިދާރާތަކާ ވާހަކަ ދައްކައިގެން އެކަމާގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ދަތުރަށް ކުރަންޖެހޭ ޚަރަދުތައް ކޮށްފައިވަނީ ސީވީއެފުންނެވެ.
ސީވީއެފް އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނުރައްކާ ބޮޑު ގައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ފޯރަމެވެ. ރާއްޖެ ހިމެނޭހެން އެފްރިކާ، އޭޝިއާ، އޭޝިއާ، ކެރީބިއަން، ލެޓިން އެމެރިކާ އަދި ޕެސިފިކްގެ 55 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ އެ ފޯރަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.4 ބިލިއަން މީހުން ތަމްސީލު ކުރާ ފޯރަމެކެވެ.
އެމެރިކާ ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު ވަނީ ސްރީލަންކާއަށް ވެސް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު ލަންކާގެ ރައީސްއާ ބައްދަލުކުރެއްވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ތަދުމަޑުކަމާއި އިގްތިސާދީ ބަނގުރޫޓުވުމުން އަރައިގަތުމަށްޓަކައި ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް ރައީސް ނަޝީދު ހަމަޖައްސަވާފައިވާއިރު ދާދިފަހުން އެމަނިކުފާނު ވަނީ ރަނިލްގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ މަގާމަށް ވެސް އައްޔަނުކުރައްވާފައެވެ.