ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނެއްލައިދުއަށް ވަޑައިގަތުމުން ތަފާތު ގޮތަކަށް މިނިސްޓަރަށް މަރުހަބާ ކިޔައިފިއެވެ.
ހދ. އަތޮޅުގައި ރިސޯޓެއް ނެތުމަކީ އެ އަތޮޅުގެ ބޮޑު ކަންބޮޑުވުމެކެވެ. އެ ކަންބޮޑުވުން ދައްކުވައިދިނުމަށް އެ ރަށުގެ ރައްޔިތުން ވަނީ ރިސޯޓެއް ސިފަވާ ގޮތަށް ބަނދަރުމަތީގައި ތަކެތި ބަހައްޓަައި، މިނިސްޓަރަށް މަރުހަބާ ކިޔާފައެވެ.
ނެއްލައިދޫގެ ރައްޔިތުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން 'ރިސޯޓް ނައިޓް ފެރީ' ކަމަށް ބުނެ ކެނޯއެއް ބާއްވާފައި އޮންނަ މަންޒަރު ފެނެއެވެ. އަދި ރިސޯޓު ތަރައްގީ ކުރަން އެތައް އަހަރެއް ވަންދެން ދޫކޮށްފައިވާ އެ އަތޮޅުގެ ރަށެއް ކަމަށްވާ ނާގޯށީގެ 'ވޯޓާ ސްޕޯޓްސް' ކަމަށް ބުނެ ސާފް ބޯޑެއް ވެސް ބާއްވާފައި އޮތެވެ.
ރިސޯޓު މުވައްޒަފުންނަށް ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހެދުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެކެވެ.

ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީ ނުކުރާ މައްސަލައަށް ވެސް ނެއްލައިދޫ ރައްޔިތުން އިޝާރާތް ކޮށްފައިވޭ -- ފޮޓޯ/ މުޙައްމަދު ޝާކިރު، ފޭސްބުކް
އެ މަރުހަބާއާ ބެހޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަމުން، އެ ކަމުގައި އުޅުން ޒުވާނެއް ކަމަށްވާ އަޙްމަދު ޒުބައިރު ބުނީ އެ އަތޮޅުގެ ރައްޔިތުން ފަތުރުވެރި ކަމަށް އެދިއެދި ތިބޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.
އެ އަތޮޅުގައި ރިސޯޓެއް ގާއިމް ކުރުމުގެ ވާހަކަ 2001 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން ދައްކަމުން އައި ނަމަވެސް އަމަލީ ސިފައެއްގައި އެކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަން ރިސޯޓެއް ހުޅުވައިދޭ ވާހަކަ ދައްކާ ކަމަށެވެ. އަދި އެކަމަށް އުއްމީދު ކުރިނަމަވެސް އެއްވެސް ސަރުކާރަކުން އެކަން ނުކޮށްދޭތީ އެ އަތޮޅުގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

ނެއްލައިދޫ ރައްޔިތުން މިނިސްޓަރު މައުސޫމްއަށް މަރުހަބާ ކިޔަން ބަނދަރުގައި ހެދި 'ރިސޯޓް'ގައި މިނިސްޓަރު މައުސޫމް އަދި މެމްބަރު ޒިޔާދު--- ފޮޓޯ/ މުޙައްމަދު ޝާކިރު، ފޭސްބުކް
"ޓުއަރިޒަމުން ލިބެންވާ އެއްވެސް މަންފާއެއް މި އަތޮޅުގެ ރައްޔިތުންނަކަށް ނުލިބޭ،" ޒުބައިރު ބުންޏެވެ.
ޒުބައިރު ބުނީ މިއަދު އެ އަތޮޅުގެ ކަންބޮޑުވުން ދައްކުވައިދިނީ އަޑުގަދަކޮށް އިހުތިޖާޖު ކުރުމުގެ ބަދަލުގައި ހަމަހިމޭން ކަމާއެކުގައި ކަމަށެވެ.
ނެއްލައިދުއިން މިނިސްޓަރަށް ކީ ތަފާތު މަރުހަބާގައި ދައްކުވައިދިން 'ރިސޯޓު'ގެ ބީޗް ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެވަޑައިން މިނިސްޓަރު ވަނީ އެ ސަރަހައްދުގައި ތިބި މީހުންނާ ވާހަކަދައްކަވާފައެވެ.
މިނިސްޓަރުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެން ޒިޔާދު ވެސް ނެއްލައިދުއަށް ވަޑައިގެންނެވިއެވެ.