ކުޑަކުދިންނަށް ކުރާ ދައުވާތައް ޕީޖީއަށް އަނބުރާ ގެންދެވޭ އިސްލާހުތަކެއް

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުޑަކުދިންގެ މައްޗަށް ކުރާ ދައުވާތައް ޑައިވާޝަން ޕްރޮގްރާމްގެ ދަށުން، ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް އަނބުރާ ގެންދެވޭ ގޮތަށް ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި އެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމުގައި، އެކި ސަބަބުތަކާހުރެ ތާށިވާ ކުޑަކުދިންނާމެދު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައި އޮތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައެވެ.

އެއީ 2020 ވަނަ އަހަރު ޢަމަލަކުރަން ފެށި ޤާނޫނަކަށްވާއިރު، އެޤާނޫނުގައި، ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ފަލްސަފާތަކާއި އިޖުރާއަތުތައް އޮތީ ބަޔާންކޮށްފައެވެ.

ނަމަވެސް ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ވަނީ އެ ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް ފިޔަވަޅު އެޅުމުގައި އެންމެ އިސްކަން ދޭންޖެހޭނީ އެކުއްޖާ އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނައުމަށް ކަމަށެވެ.

އެކަން ޙާސިލުކުރާނީ، ޑައިވާޝަން ޕްރޮގްރާމެއްގެ ތެރެއިން ކަމަށް ވާއިރު، ޑައިވާޝަންއާ ބެހޭ ވަކި ބާބެއް ވެސް އެ ޤާނޫނުގައި ވެއެވެ.

ޑައިވާޝަންގެ މަޤްޞަދުތަކުގެ ތެރޭގައި، ކުއްޖާ ކުރި އަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުމާއި، މައާފަށް އެދުމުގެ ފުރުސަތު ހޯދައިދިނުމާއި، ކުށް ތަކުރާރުކުރުމުން ދުރުހެލިކުރުމާއި ކުށުގެ ރެކޯޑެއް އައުން ހުއްޓުވުން ހިމެނެއެވެ.

ޤާނޫނާ ޚިލާފުވިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއްގެ މައްސަލައެއް އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުކުރަން ވާނީ ޑައިވާޝަންއަށް ފޮނުވުމާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް ވެސް ޤާނޫނުގައި އޮވެއެވެ.

ޑައިވާޝަންއާމެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ތަހުގީގުކުރާ އިދާރާތަކަށާއި ޕީޖީއަށް ކަމަށްވާއިރު، އެނިންމުން ނިންމުމުގެކުރިން ހަދަންޖެހޭ އެސެސްމަންޓުތަކާއި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ހުރެއެވެ. އަދި އެކަން ކުރާނެ ގޮތުގެ ތަފްސީލުތައް ގާނޫނާއި ގަވާއިދުތަކުގައި ލިޔެފައި އެބަހުއްޓެވެ.

ނަމަވެސް، އެ ޤާނޫނުގައި ކުށުގެ ދައުވާކުރަން ޖެހޭ މުއްދަތެއް ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން، މުއްދަތު ގުނުމުގައި ރުޖޫއަވާންޖެހުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ.

ޕީޖީން ބުނީ އެގޮތަށް އިއްޔެ އިސްލާހު ގެނައީ ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި އެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު އަދި ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ކަމަށެވެ.

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ޖިނާއީ މައްސަލައެއްގައި ދައުވާކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާ ހާލަތެއްގައި އެ މައްސަލައަކީ ޑައިވާޝަން ޕްރޮގްރާމްގެ ދަށަށް ފެތޭ މައްސަލައެއް ނަމަ ޑައިވާޝަން ޕްލޭނާއެކު އެ މުއްދަތުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އަނބުރާ ގެންދިއުމުގެ އިހުތިޔާރު ޕީޖީ އޮފީހަށް ލިބޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ގެނެވުނު އިސްލާހަކީ އެ ގަވާއިދުގައިވާ ދައުވާ އަނބުރާ ގެނައުމުގެ މާއްދާއެއް އެހެން އަދަދެއް އިތުރުކުރުމެވެ.

އެގޮތުން، އިތުރުކުރި އަދަދުގައި ބުނެފައި ވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން ފުރުސަތު ލިބޭ ކުއްޖާ، ޕީޖީއާއެކު ޑައިވާޝަންގެ އެއްބަސްވުމެއް ހަދާ ހާލަތްތަކުގައި ޑައިވާޝަން އެއްބަސްވުމުގައިވާ ގޮތަށް ދައުވާ ކުރިއަށް ގެންދާނަމަ އެ ދައުވާ އަނބުރާ ގެންދެވޭނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ދައުވާ އަނބުރާ ގެނައުމުގެ މާއްދާގައި އޮތް ގޮތުން، ކޯޓުގައި އޮތް މައްސަލައެއް އަނބުރާ ގެނައުމުގެ ބާރު ޕީޖީއަށް އޮވެއެވެ.

އެކަމާބެހޭ ހާލަތުތައް ތަފްސީލުކޮށްފައި އޮތީ، ޕްރޮސިކިއުޓްކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައެވެ. އެގަވާއިދުގައި ޑައިވާޝަންގައި ބައިވެރިކުރުމަށް މައްސަލަ އަނބުރާ ގެންނަ ވާހަކައެއް ނެތެވެ. އެއީ، އެ ގަވާއިދަކީ 2017 ވަނަ އަހަރުގެ ގަވާއިދަކަށްވާތީ، އޭރު ކުޑަކުދިންގެ އަދުލުގެ ޑައިވާޝަންގެ ވާހަކަ ނެތީ ކަމަށް ޕީޖީން ބުނެއެވެ.

ޕީޖީން ބުނީ އަލަށް ގެނައި އިސްލާހަކީ އެބައި ހިމެނުމަށް ގެނައި އިސްލާހެއް ކަމަށާއި އޭރުން، ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ މައްސަލަ ޕީޖީ އޮފީހުން ދިރާސާ ކުރުމަށްފަހު، ޤާނޫނުގައިވާ ގޮތުގެ މަތިން ޑައިވާޝަން ހިންގަން މަސައްކަތް ކުރާނީ ކަމަށެވެ.

އެ މަސައްކަތް ކުރަމުން ދަނިކޮށް، ދައުވާކުރުމުގެ މުއްދަތު ހަމަވާނަމަ، މުއްދަތު ހުއްޓުވުމުގެ ގޮތުން ދައުވާ ކުރާނެ ކަމަށާއި އެ މަރުހަލާގެ ތެރޭގައި ވެސް އެއްބަސްވުން ހަދައި، ޑައިވާޝަންއަށް ފޮނުވުމާމެދު ދާނީ ވާހަކަ ދެކެވެމުން ކަމަށް ޕީޖީން ބުންޏެވެ.

އެގޮތަށް ހެދުމުން، ކުއްޖާއަށް ވެސް، އެއްބަސްވުމަށް އައިސް، އިސްލާހުވުމަށް ބާރުއެޅުމަށް، އެކަމުގައި ގޮތެއް ނިންމުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށާއި ކުއްޖާއާއެކު އެއްބަސްވުމެއް ހެދިއްޖެނަމަ، މައްސަލަ އަނބުރާ ގެންނާނީ ކަމަށް ވެސް ޕީޖީން ބުންޏެވެ.

ހަމައެއާއެކު، އެއްބަސްނުވެވިއްޖެނަމަ، މައްސަލަ ކުރިއަށްދާނެ ކަމަށާއި އެއްބަސްވުމެއް ހަދައި، މައްސަލަ އަނބުރާ ގެނެސްފައި އޮއްވާ، އެއްބަސްވުމާ ކުއްޖާ ޚިލާފު ވެއްޖެނަމަ، އެމައްސަލަ އަލުން ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީން ބުނީ މައްސަލަ ހުށަހަޅަން ބާރު ލިބެނީ ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އިސްލާހުން ކަމަށެވެ.

އެގޮތަށް ހެދުމުން، ކުއްޖާއަށް ވެސް ޑައިވާޝަން ޕްރޮގްރާމް ފުރިހަމަކުރަން ބާރު އެޅޭނެ ކަމަށާއި ޑައިވާޝަނާ ޚިލާފު ވެއްޖެނަމަ، އެކަމުން ކުރިމަތިވާނެ ގާނޫނީ ނަތީޖާއެއް އޮތްކަން ކުއްޖާއަށް ވެސް އެނގޭނެ ކަމަށް ޕީޖީން ބުންޏެވެ.

މިހާރު ވެސް، އެއްބަސްވުމާ ޚިލާފުވީ ކުއްޖެއްގެ މައްސަލަ ކޯޓަށް ވާނީ ހުށަހަޅާފައި ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީން ބުނީ ގެނައި އިސްލާހުގެ ސަބަބުން، ޤާނޫނުން ބޭނުންވާ މަގުސަދު ހާސިލުވުމުގެ އިތުރަށް، މުޅި ގާނޫނަށް ބަދަލު ނުގެނެސް، ގާނޫނީ ނިޒާމުގެ ތެރެއިން އުފެއްދުންތެރި ހައްލެއް ވެސް ގެނެވުނީ ކަމަށެވެ.

comment ކޮމެންޓް