އެސްޓީއޯ އެލައިޑް އިމާރާތުގައި ހުޅުވުމަށް ނިންމާފައިވާ އެސްއެމްއީ ހަބްގައި ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކުދިި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރެވުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕްރޭޝަން (ބީސީސީ)އިން މިއަދު ކޮށްފައިވާ އިއުލާނުގައި ވަނީ ކިއޮސްކުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ބީސީސީން ބުނީ މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް މާކެޓުގައި ގިނަ ފުރުސަތުތަކެއް ހޯދައި ދިނުންކަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމަކީ ވެސް އެއް މަގުސަދުކަން ބީސީސީން ފާހަގަކުރިއެވެ.
ބީސީސީން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކިއޮސްކުތައް ހުންނާނީ ޗާންދަނީ މަގު އެސްޓީއޯ އެލައިޑް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. އެ ކިއޮސްކުތައް ޚާއްސަ ކޮށްފައި ވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށެވެ.
އެގޮތުން 16 ކިއޮސްކް ދޫކުރާއިރު އެތަންތަނުގެ އަގުތައް އުޅެނީ 8,000 ރުފިޔާއިން ފެށިގެން 12،500 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ކިއޮސްކްތަކުގެ ބޮޑުމިން އުޅެނީ 37 އަކަފޫޓާއި 60 އަކަ ފޫޓާ ދެމެދުގައެވެ.
އެ ހަބް ރަސްމީކޮށް ހުޅުވާނެ ދުވަހެއް ބީސީސީން އަދި ހާމަނުކުރެއެވެ.