އިންސާނިއްޔަތަށް މަސައްކަތް ކުރާ ކުޅުންތެރިންނަށް ދޭ ސޮކްރަޓެސް އެވޯޑް މާނޭއަށް

މާނޭއަށް ސޮކްރެޓެސް އެވޯޑް އެރުވުމުގެ ތެރެއިން --- ފޮޓޯ/ ގޯލް

އިންސާނިއްޔަތަށް މަސައްކަތްކުރާ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން އަލަށް ތައާރަފްކުރި ސޮކްރެޓެސް އެވޯޑް ބަޔާންގެ ފޯވާޑް ސާޑިއޯ މާނޭއަށް ލިބިއްޖެއެވެ.

މާނޭ ވަނީ ފާއިތުވި އަހަރުތަކުގައި އޭނާގެ އުފަން ރަށް ކަމަށްވާ ސެނެގާލްގެ ބަމްބާލީގައި ޕަބްލިކް ހޮސްޕިޓަލެއް ބިނާކުރުމުގެ އިތުރުން ސްކޫލްތަކާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން ސެނެގާލްގެ ގައުމީ ކޮމިޓީއަށް ވެސް އޭނާ ވަނީ ފަންޑުކޮށްފައެެވެ.

ސޮކްރެޓެސް އެވޯޑް ހާސިލުކުރުމަށްފަހު މާނޭ ބުނީ އޭނާއަށް އެ އެވޯޑް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާއަކީ ވަރަށް ލަދު ގަންނަ މީހަކަށް ވީނަމަވެސް ވީރަކުން މީހުންނަށް އެހީތެރިވެދެވުމުން އުފާވާކަމަށް އޭނާ ބުންޏެވެ.

މާނޭ އަކީ އޭނާގެ މަޑުމައިތިރިކަމާއި މީހުންނަށް އެހީތެރިވެދިނުމުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ލިބިފައިވާ މުސްލިމް ކުޅުންތެރިއެކެވެ.

ރޭ ވަނީ ނިމިދިޔަ ސީޒަންގެ އެންމެެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑްގެ އިތުރުން އެންމެ ޒުވާން ކުޅުންތެރިޔާއަށް އަރުވާ ކޮޕާ ޓްރޮފީ ވެސް އަރުވާފައެވެ. އަދި އެންމެ މޮޅު ކުލަބަށް ވެސް ވަނީ އެވޯޑް ދީފައެވެ.

ބެލޮންޑިއޯ އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާއެވެ. އެ އެވޯޑްގެ ދެވަނައަށް ދިޔައީ މާނޭއެވެ. އަދި ތިންވަނައަށް ދިޔައީ ކެވިން ޑިބްރޭނާއެވެ.

މީގެއިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ބެލޮންޑިއޯ އެވޯޑް އުފުލާލީ މިދިޔަ އަހަރުވެސް އެ އެވޯޑް ހޯދި ބާސެލޯނާގެ އަންހެން ޓީމުގެ އެލެކްސިއާ ޕުޓެލަސްއެވެ.

ޒުވާން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާސެލޯނާގެ އުމުރުން 18 އަހަރުގެ ޕަބްލޯ ގަވީއެވެ.

މީގެއިތުރުން، އަހަރުގެ އެންމެ މޮޅު ކުލަބަކީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި މެންޗެސްޓާ ސިޓީއެވެ.

comment ކޮމެންޓް