މެސީ ބެލޮންޑިއޯ އެވޯޑު ހޯދީ 105 ވޯޓުގެ ފަރަގަކުން!

އާޖެންޓީނާ ތަރި ލިއޮނެލް މެސީ، ބެލޮންޑިއޯ އެވޯޑާއެކު -- ފޮޓޯ/ ގެޓީ

މިއަހަރުގެ ބަލޮންޑިއޯ އެވޯޑުގެ ނަތީޖާތައް އާންމުވެއްޖެއެވެ.

ދާދި ފަހުން އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވަނީ އަށްވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑު ހޯދައިފައެވެ. މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑަށް ދެވަނަ ލިބުނު އިރު، ތިންވަނަ ލިބުނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭއަށެވެ.

ބެލޮންޑިއޯ އެވޯޑު ވޯޓުގެ ބައެއް މައުލޫމާތުތައް މިހާރު ވަނީ އާންމުވެފައެވެ. އެ މައުލޫމާތުތައް ބައެއް މީޑިއާތަކާއި އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ އާންމުކޮށްފައެވެ.

އާންމުވެފައިވާ ވޯޓުގެ ތަފްސީލުތަކުން އެނގޭ ގޮތުގައި މެސީ، އެވޯޑު ހޯދާފައިވަނީ 105 ވޯޓުގެ ތަފާތަކުންނެވެ. މެސީއަށް 462 ޕޮއިންޓު ލިބުނުއިރު، ހާލަންޑަށް ލިބިފައިވަނީ 357 ޕޮއިންޓެވެ. އަދި އެމްބާޕޭއަށް ލިބިފައިވަނީ 270 ޕޮއިންޓެވެ.

މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް -- ފޮޓޯ/ ގެޓީ

ބެލޮންޑިއޯ އެވޯޑަށް 100 ގައުމެއްގެ ނޫސްވެރިން ވޯޓު ދީފައިވެއެވެ. އެގައުމުގެ ތެރެއިން އިނގިރޭސިންގެ ފަރާތުން ވޯޓުގައި ބައިވެރިވި ހެންރީ ވިންޓާ ވެސް ވޯޓުދީފައިވަނީ ހާލަންޑުގެ ބަދަލުގައި މެސީއަށެވެ.

މިދިޔަ ސީޒަނުގައި ހާލަންޑް ވަނީ މެންޗެސްޓާ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 52 ގޯލު ޖަހައިފައެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ހައްގުވެރިޔަކީ ވެސް ހާލަންޑެވެ.

މިދިޔަ ސީޒަނުގައި މެސީއަށް ކްލަބު ފުޓުބޯޅައިގައި ޕީއެސްޖީއާއެކު ރަނގަޅު ކާމިޔާބެއް ހޯދިފައިނުވި ނަމަވެސް، އޭނާ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ އޭނާގެ ކެރިއަރުގައި ވެސް ހޯދުނު ފުރަތަމަ ވޯލްޑް ކަޕެވެ.

comment ކޮމެންޓް