ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ޖެހޭވައި، އިބްރާހިމް ޝަހީބު، ނޭޕާލް އަދި އަޒަރްބައިޖާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަނު ކުރުމަށް ފޮނުވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ފޮނުއްވި އެ މައްސަލަ މަޖިލީހަށް އިއްވާފައިވަނީ މަޖިލީހުގެ އަމީންއާމެވެ. ރައީސްގެ ސިޓީގައި ވަނީ ސަފީރު ޝަހީބު އެ މަގާމުތަކަށް އައްޔަނު ކުރުމަށް ރުހުން ދިނުމާމެދު މަޖިލީހުން ދެކޭ ގޮތް އެމަނިކުފާނަށް އަންގަވައިދެއްވުމަށެވެ.
މި މަހުގެ 11 ވަނަ ދުވަހު އިންޑިއާގައި ހުންނަވާ ސަފީރަކަށް ޝަހީބު އައްޔަނު ކުރައްވައި ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު ޝަހީބަށް އަރުއްވާފައެވެ.
ޝަހީބް ވަނީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަގާމްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ހިމެނެއެވެ.