ހ. ޝީރީންވިލާގައި އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދުގެ ގާތިލް ކަމަށް ބެލެވޭ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ ފޯނު ހުޅުވިއްޖެ ކަމަށާއި ޝިއާއު މަރާލި ސަބަބު ފޯނުގެ އެހީގައި ދެނެގަނެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ތަހުގީގުކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ ތަހުގީގަށް ޝާހިލްގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިންޓަރެކްޓް ކުރެވޭ ޝާހިލްއާ. ވާހަކަވެސް ދައްކާ. ނަމަވެސް ސްޕެސިފިކަލީ މި މައްސަލައާ ބެހޭ ގޮތުން އޭނަ ބޭނުމެއް ނުވޭ ވާހަކަދައްކާކަށް،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް އޭނާގެ ފޯނު މިހާރު ހުޅުވިފައިވާ ކަމަށެވެ. އަދި ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މިހާތަނަށް އައި އިރުވެސް ޝީއާއު މަރާލި ސީދާ ސަބަބު ދެނެގެނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައިގައި މިހާރުވެސް ފުލުހުންނަށް ގަބޫލުކުރެވޭ މޯޓިވްތަކެއް ހުރި ނަމަވެސް އެއީ ހަމައެކަނި ގަބޫލުކުރުމެއްގެ މައްޗަށް ތަހުގީގަށް ފޮނުވޭނެ ކަންތައްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޝިއާއު މަރާލިކަމުގެ ކުށް ޝާހިލްގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަނީ ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވާ ކަމަށް ވިދާޅުވެފައެވެ.
"ޕޯސްޓްމޯޓަމުގެ ވަގުތީ ނަތީޖާއިން ޝިއާއުގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާތަކަކީ ގަސްތުގައި ދީފައި ހުރި އަނިޔާތަކެއް ކަން އެބަ ދަލީލު ކޮށްދޭ،" އޭނާ ވިދާޅުވިއެވެ.
ސާމިހު ވިދާޅުވި ގޮތުގައި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގެއެވެ.
މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން ޝާހިލްގެ ނަފްސާނީ އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މި މަރުގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.