ވިލުންވެރި ރާއްޖެއެއް ބިނާކުރެވޭނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ --- ފޮޓޯ/ އެމްއެންޑީއެފް

ވިލުންވެރި ޖަޒީރާވަންތަ ދިރިއުޅުމެއް އުޅެވޭނީ، ތަރައްގީގެ ރޮނގުން ހިންގޭ އެންމެހައި މަޝްރޫޢުތަކާއި، އެކުލަވާލެވޭ ޕްލޭންތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ހިމަނައިގެންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ޚިތާބުގައި ވިދާޅުވީ ވިލުންވެރި ދިރިއުޅުމަކަށް އޮތް ހަމައެކަނި ހުޅުކޮޅަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ.

"އެކަން އެގޮތަށް ނުކުރެވިއްޖެނަމަ ކާރިސާތަކުގެ ސަބަބުން ޤައުމަށާއި މުޖުތަމަޢުއަށް ލިބޭ ގެއްލުމުގެ ބުރައާއި ތަކުލީފު އުފުލަންޖެހޭނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރެވޭނީ ފަރުދީ އަދި މުޖުތަމަޢުގެ ފެންވަރުގައި އެކަމުގެ މުހިންމުކަން ދެނެގަނެ ފިޔަވަޅުތައް އަޅައިގެންކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއިން ދަސްވި އެންމެ ބޮޑު އެއްފިލާވަޅަކީ، އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ވެށީގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ޔަޤީން ކުރެވޭނީ ފަރުދީ ޒިންމާއެއް އެކަމުގައި އޮތްކަމަށް ދަނެގެން އެކަން ކުރުމުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅިދާނެ ފިޔަވަޅަކީ މުދާ އިންޝުއާކުރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އިންޝުއާ ކުރުން މިހާރު މިވަނީ ރައްޔިތުންނަށް ފަސޭހަ މިންވަރަކަށް ތަރައްޤީ ކުރެވިފައިކަމަށާއި، ހިނގާފައިވާ ބައެއް އަލިފާނުގެ ހާދިސާތަކުގައި އާންމު ގެތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލު އިންޝުއަރެންސް މެދުވެރިކޮށް ހަމަޖެހިގެން ގޮސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއާލާ އެޅުމުން، މުޅި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެ ކުރަމުން އަންނަ މަސައްކަތްތަކަށް ބުރޫއާރާ، އިންސާނާ ނިކަމެތިކޮށްލާ ފަދަ ކަންކަމުން ސަލާމަތްވުމަށް މަގުފަހި ކުރުވާ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް