ކާރިސާތަކުން ގެއްލުން ލިބޭ ހާލަތްތައް ކުޑަކުރުމާއި އެހެނިހެން މަސައްކަތްތަކާއެކު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަހަރުން ފެށިގެން 2029ގެ ނިޔަލަށް އެކުލަވާލި، ސްޓްރެޓެޖިކް ޕްލޭން މިއަދު އިފުތިތާހުކޮށްފިއެވެ.
މި ޕްލޭން އިފުތިތާހު ކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ސަފޫރާއެވެ.
އެ ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މުސްތަގްބަލުގައި ދިމާވެދާނެ ކަންކަމުން އަރައިގަތުމަށް ދުރު ވިސްނައި، ކާރިސާތަކުގެ ނުރައްކާތެރިކަން ކުޑަ ކުރުމަށް ބޭނުންވާ ކަންތައް މަޝްރޫއުތަކުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެެއް ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1724932600203zev.jpeg)
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވާހަކަދައްކަވަނީ: ކާރިސާތަކުން ގެއްލުން ލިބޭ ހާލަތްތައް ކުޑަކުރުމުގެ މަސައްކަތާއެކު، އެންޑީއެމްއޭގެ ސްޓެރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި --- ސަންފޮޓޯ/ އަމަން ލަތީފް
އެގޮތުން، ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ މަސައްކަތްތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރަން ބޭނުންވާ ކަންތައްތައް ދެނެގަތުމާއި އެކަންކަމަށް ހައްލު ހޯދުމަށް ވަރަށް ބޮޑަށް ދިރާސާ ކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެެވެ.
ރާއްޖޭގައި ކާރިސާތަކުގެ ކަންކަން މެނޭޖުކުރާ އިދާރާއަކީ އެންޑީއެމްއޭކަން ފާހަގަކުރައްވައި، ހިސާން ވިދާޅުވީ، އެފަދަ ހާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރަން މަސައްކަތްކޮށްފައިވިޔަސް އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް އެބަ ހުރި ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_172493276212uXKW.jpeg)
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ސަފޫރާ ވާހަކަދައްކަވަނީ: ކާރިސާތަކުން ގެއްލުން ލިބޭ ހާލަތްތައް ކުޑަކުރުމުގެ މަސައްކަތާއެކު، އެންޑީއެމްއޭގެ ސްޓެރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި ---- ސަން ފޮޓޯ/ އަމަން ލަތީފް
ކާރިސާތަކުން ގެެއްލުން ލިބޭ ހާލަތްތައް ކުޑަކުރުމުގެ އިތުރުން، މި ޕްލޭންގައި އެންމެ އިސްކަން ދޭނެ ކަންތައްތަކުގެ ތެރޭގައި ރައްޔިތުންނަށް އެ އޮތޯރިޓީން ފޯރުކޮށްދޭ އެމަޖެންސީ ރެސްޕޮންސްއާއި އިންސާނީ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުން ހިމެނެއެވެ.
މީގެއިތުރުން، ސްޓޭޓް މިނިސްޓަރު ސަފޫރާ ވިދާޅުވީ، ރާއްޖެއަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އެކި ނުރައްކާތަކާ ކުރިމަތިވާ ކަމަށާއި އެކަމަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި، ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ކުއްލި ހާލަތްތަކުގައި އިޖާބަދެވޭނެ ގޮތަށް ވަސީލަތްތައް ގާއިމުވެފައި ހުރި ތަނަކަށް ހަދަން ޖެހޭކަން ސަފޫރާ ވަނީ ފާހަގަކުރައްވާފައެވެ.