ވިއްސާރައިގައި ތުލުސްދޫގެ 50 އިންސައްތަ ގޭގެ ފަރުނީޗަރަށް ގެއްލުންވި: ކައުންސިލް

ތުލުސްދޫގެ ގެއެއްގައި ފެންބޮޑުވެފައި: ތުލުސްދޫގެ 50 އިންސައްތަ ގޭގެ ފަރުނީޗަރަށް ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ ތުލުސްދޫ ކައުންސިލް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކ. ތުލުސްދުއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ 50 އިންސައްތަ ގޭގެ ފަރުނީޗަރަށް ގެއްލުންވެފައިވާ ކަމަށް ތުލުސްދޫ ކައުންސިލުން ބުނެފިއެވެ.

މިދިޔަ ހަފުތާގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާއިރު، ނެޝަނަލް ޑިޒާސްޓާ އޮތޯރިޓީ (އެންޑީއެމްއޭ)އިން އިއްޔެ ވަނީ، ވިއްސާރައިގައި އަތޮޅުތެރެއިން ގެއްލުން ލިބިފައިވާ ރަށްތަކުގެ ތެރޭގައި ކ. ހިންމަފުށްޓާއި ހުރައާއި ގުރައިދުއާއި ތުލުސްދޫ ހިމެނޭ ކަމަށް ބުނެފައެވެ.

އޭގެ ތެރެއިން ތުލުސްދޫއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބައެއް ގެތަކުން ލީކުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ މިއަދު "ސަން"އަށް ވިދާޅުވީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރޭ އެ ރަށުގެ ބޮޑު ބައެއް އޮތީ ފެނުއަޑީގައި ކަމަށާއި ފެން ހިނދުނީ ދަންވަރު 3:30 ހާއިރު ކަމަށެވެ. ފެން ހިނދުނުއިރު، ކުރިއަށް އޮތް ދެ މަސް ތެރޭ ވެސް އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ ފަންސާސް އިންސައްތަ ގެތަކުގެ ފަރުނީޗަރު ހަލާކުވެފައިވޭ," އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެން ހިންދުމުގައި ކައުންސިލުންނާއި އާންމު ރައްޔިތުންނާއި އެމްއެންޑީއެފުން ބައިވެރިވި ކަމަށާއި، އެ މަސައްކަތުގައި ޕަމްޕު ބޭނުންކުރުމުގެ އިތުރުން ރަށުގެ އެއް ފަރާތުން މޫދަށް ކޯރު ކެނޑި ކަމަށެވެ.

އެންޑީއެމްއޭއިންވަނީ، ތުލުސްދޫގެ އިތުރުން އެހެން ރަށްތަކަށް ލިބިފައިވާ ގެއްލުމުގެ ރިޕޯޓުތަކާ ގުޅިގެން، ކައުންސިލްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމުގައި ބުނެފައެވެ.

ތުލުސްދޫގައި ފެން ހިންދުމަށް ކޯރު ކެނޑުން: ތުލުސްދޫގެ 50 އިންސައްތަ ގޭގެ ފަރުނީޗަރަށް ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ ތުލުސްދޫ ކައުންސިލް

އެންޑީއެމްއޭއިންވަނީ، ޅ. ނައިފަރުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ފަސް ގެޔަކަށް އެހީތެރިކަން ފޯރުކޮށްދިީފައިވާ ކަމަށް ވެސް ބުނެފައެވެ.

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ އިއްޔެ އިރުއޮއްސުނު ފަހުން އެ ރަށަށް ވަރަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ.

"ފަތިހު 5:15އިން ފެށިގެން ނައިފަރު ކައުންސިލްގެ ސްޓާފުން ދިޔައީ ރިޕޯޓު ލިބެމުން ދިޔަ ގޭގެއަށް ގޮސް ފެން ހިއްކުމުގެ މަސައްކަތް ކުރަމުން. ފަސް ގެޔަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވޭ،" އޭނާ ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެ ރަށުގައި ވެސް ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މަސައްކަތުގައި އެންޑީއެމްއޭގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށުގައި ފެންބޮޑުވާން މެދުވެރިވަނީ މަގުތައް އޮތް ހާލަތުގެ ސަބަބުން ކަމަށެވެ.

"ރަށުގެ މަގުތަކުގެ ހާލަތު ހުންނަ ގޮތުން ފެން ހިދުމުގެ ފުރުސަތު ވަރަށް ކުޑަ. ބޯކޮށް ވިއްސާރަ ވެހިއްޖެނަމަ ފެން ބޮޑުވޭ. އެދެނީ ސަރުކާރުން މިކަންކަމަށް އަވަސް ހައްލެއް ގެނެސް ދެއްވުން. ފެން ބޮޑުވެ އަދި ގޭގެއަށް ފެންވަދެ މަގުތަކުން ވެސް ލިބެމުންދާ އެކިވަރުގެ އަނިޔާތަކާއި ރައްޔިތުން އުފަލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ގެނެސްދެއްވުން،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މީގެ ކުރިން އެންޑީއެމްއޭއިން ވަނީ ލ. އިސްދޫގެ 22 ގެޔަކަށް އެކިވަރުގެ ގެއްލުން ލިބި އެއް ގެޔަކުން މީހުން ހުސްކުރި ކަމަށާއި ހދ. ކުޅުދުއްފުށީގައި ވަރަށް ބޮޑަށް ފެންބޮޑުވެ މުޅި ރަށުން ފެން ހިއްކަމުން ގެންދާކަމަށް ވެސް ބުނެފައެވެ.

https://sun.mv/203215

އިއްޔެއާއި ރޭ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވިއިރު، ނަޖިސް ބޭރުވުމާ ގުޅިގެން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެ އޮތޯރިޓީންވަނީ މިއަދު ވެސް މޫސުން ގޯސްވާތީ އެ އޮތޯރިޓީން އެކަމަށް ތައްޔާރުވެފައިވާ ކަމަށާއި ވިއްސާރައިގައި ލިބޭ ގެއްލުމުގެ އެސެސްމަންޓެއް ހަދާނީ މާދަމާ ކަމަށް ބުނެފައެވެ.

މެޓް އޮފީހުން މީގެ ކުރިން ލަފާކޮށްފައި އޮތީ މޫސުން ރަނގަޅުވާނީ މާދަމާ ކަމަށެވެ.

comment ކޮމެންޓް