ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް ސަރުކާރުން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒުގައި އެތައް މައްސަލަތަކެއް ހުރިކަން, ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން އަނެއްކާ ވެސް ހާމަކޮށްފިއެވެ.
އެޗްއާރްސީއެމުން ގުރައިދޫ މަރުކަޒަށް މިދިޔަ މާޗު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ވަނީ މޮނިޓަރިން ޒިޔާރަތެއް ކޮށް، ރިޕޯޓެއް އެކުލަވާލައިފައެވެ.
މިއަދު އާންމުކުރި އެ ރިޕޯޓްގައި ބުނެފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ރަނގަޅު ކުރަން އަންގައިފައިވާ އެތައް ކަމެއް އަދިވެސް ރަނގަޅު ނުކުރާ ކަމަށެވެ. އަދި އެ މަރުކަޒުން ލިބެން ޖެހޭ އަސާސީ ގިނަ ހިދުމަތްތައް ނުލިބޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެގޮތުން ސައިކޭޓްރިސްޓެއްގެ ހިދުމަތާއި ތަފާތު އެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމާއި ބަލި މީހުންނަށް އަޅައިލެވޭ ވަރަށް މުވައްޒަފުން ނެތް ކަން ފާހަގަކޮށްފައިވެއެވެ. އަދި ބަލި މީހުންނަށް އެހީތެރިކަން ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ވެސް އެ މަރުކަޒުގައި ނެތް ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ނިދުމާއި ފާޚާނާކުރުމާއި އަންނައުނު ފަދަ ތަކެތި ރައްކާކޮށް ބެހެއްޓުމުގެ ނިޒާމު އެކަށީގެންވާ ވަރަށް ވުރެ ދަށެވެ.
ރިޕޯޓުގައި އެފަދަ މަރުކަޒެއްގެ ތެރޭގައި ވެގެން ނުވާނެ އަދި އަޑުއަހަން އުނދަގޫ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ގުރައިދޫ މަރުކަޒުން ފަރުވާ ހޯދާ މީހުންނާ މެދު އެ ތަނުގެ ބައެއް މުވައްޒަފުން ނުވަތަ ކެއާ ވޯކަރުން ލާއިންސާނީ އިހާނެތި އަމަލުތައް ހިންގާ ކަމަށް އެ ރިޕޯޓުން ހާމަވެއެވެ.
"ބަލި މީހުންނާ ދިމާލަށް ބޭއަދަބީ، ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި އެ މީހުންނާ މެދު އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާ ކަމަށް އެ ތަން ހިންގުމުގައި އިސްކޮށް އުޅޭ މީހުންނާއި އެ މަރުކަޒުން ބަލަހައްޓަމުން އަންނަ އުމުރުން ދުވަސްވީ މީހުން ވަނީ މައުލޫމާތު ދީފައި،" ރިޕޯޓުގައި ބުނެފައިވެއެވެ.
ގުރައިދޫ މަރުކަޒުގައި މަސައްކަތްކުރާ ކެއާ ވޯކަރުންނާ ހަވާލައިދީ އެ ރިޕޯޓުގައި ބުނެފައި ވަނީ އެ މަރުކަޒުގައި ބަލި މީހުންނަށް ޖިންސީ ގޯނާކުރާ، ބަލި މީހަކު އެތާގައި އުޅޭ ކަމަށެވެ. އަދި އެ ބަލި މީހާއަށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމަށާއި އަދި އޭނާގެ ވާހަކަ އޮފީހަށް އަންގާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ބަލި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުންނާއި އެޗްއާރުސީއެމްއިން ކުރި ޒިޔާރަތުން ގުރައިދޫ މަރުކަޒުން ފަރުވާ ހޯދަމުން އަންނަ ބައެއް ބަލި މީހުން، އެހެން ބަލި މީހުންނަށް ޖިންސީ ފުރައްސާރަ ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ގުރައިދޫގެ މަރުކަޒުން ފަރުވާ ހޯދާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހޯދުމަށް އައިޖީއެމްއެޗަށް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ސިޓީ ފޮނުވި ކަމަށް ބުނެފައެވެ.
ނަމަވެސް އެޕޮއިންޓްމަންޓް ލިބިފައި ނުވާ ކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް އުޅޭ މީހުން ދީފައިވާ މައުލޫމާތުންނާއި ލިޔެކިއުންތައް ބެލިބެލުމުން ހާމަވާކަމަށް ރިޕޯޓުގައިވެއެވެ.
އެ ރިިޕޯޓުގައި ގުރައިދޫ މަރުކަޒަށް މި އަހަރު އެޗްއާރުސީއެމްއިން ކުރި ޒިޔާރަތުގައި ފާހަގަވި ކަންތައްތަކާ ގުޅިގެން އިސްލާހުކުރަން ޖެހޭ ހަ ކަމެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
1. ކެއާވޯކަރުންގެ މަސައްކަތްތަކާއި ބަލި މީހުންގެ ކަންތައްތައް ހުރި ނެތް ގޮތް ބެލުމަށް ގުރައިދޫ މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ތަނުގެ ސުޕަވައިޒަރުން ވޯޑުތަކަށް ގަވާއިދުން ޒިޔާރަތްކޮށް، ލިޔެކިއުމުން ބެލެހެއްޓުން.
2. މަރުކަޒުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އެންޓި ޓޯޗާ ގާނޫނުގެ މައުލޫމާތު ހިމެނޭ ތަމްރީނުތައް ގަވާއިދުން ދީ، އެކަން ލިޔެކިޔުމުން ބެލެހެއްޓުން.
3. ގުރައިދޫ މަރުކަޒުން ބަލަހައްޓާ މީހުން، އެކަކު އަނެކަކަށް ކުރާ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ އަމަލުތައް ހުއްޓުވާނެ ނިޒާމެއް ހަމަޖައްސައި ފިޔަވަޅުތައް އަޅައި، ލިޔެކިއުމުން އެކަންކަން ބެލެހެއްޓުން.
4. ފަރުވާ ހޯދާ މީހުން ދިރިއުޅޭ ވޯޑުތަކުގެ އެތެރެ މޮނިޓާ ކުރެވޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކޮށް، މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން ގަވާއިދުން މޮނިޓާކޮށް ބެލެހެއްޓުން.
5. މަރުކަޒުގެ ސިއްހީ ފަރުވާދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޝްވަރާއާ އެކު، ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ސިއްހީ އާލާތްތައް ހޯދުން.
6. ސްޕެޝަލިސްޓް ކޮންސަލްޓޭޝަންގެ ހިދުމަތް ދޭ ހޮސްޕިޓަލްތަކާ މަޝްވަރާކޮށް، ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ޑޮކްޓަރުން ލަފާދޭ ބަލި މީހުންނަށް އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.
ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ބައެއް ކަންކަމަކީ މިހާރުން ފެށިގެން ރަނގަޅުކުރަން އަންގައިފައިވާ ކަންތައްތަކެވެ. އަދި އަނެއްބައި ކަންތައްތައް ރަނގަޅު ކުރުމަށް ހަ މަހާއި އެއް އަހަރުގެ މުއްދަތެއް ވަނީ ދީފައެވެ.
ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މަރުކަަޒަކީ 160 މީހުންގެ ޖާގައިގެ މަރުކަޒެއްކަމާއި، ކޮމިޝަނުން ޒިޔާރަތްކުރި އިރު އެ މަރުކަޒުން 194 މީހުން ބަލަހައްޓަމުން ދާ ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.
އެތަނުގެ ޖާގައަށްވުރެ މަރުކަޒުން ބަލަހައްޓަމުންދާ މީހުންގެ އަދަދު ގިނަކަން މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި، މުވައްޒަފުން ދީފައިވާ މަޢުލޫމާތުންނާއި ލިޔެކިއުންތައް ބެލިބެލުމުން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން 158 މީހުންނަކީ ނަފްސާނީ ބައްޔަށް ފަރުވާހޯދަމުންދާ ބަލި މީހުން ކަމަށާއި އޭގެތެރޭގައި 18 އަހަރުން ދަށުގެ ދެ ކުދިން ހިމެނޭކަމަށް ރިޕޯޓުގައިވެއެވެ. އަދި އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ޢުމުރުން ދުވަސްވުމުގެ ސަބަބުން ސަލާމަތާއި، ރައްކާތެރިކަމާއެކު މުޖުތަމައުގައި އެކަނި އުޅެން ދަތިވުމުގެ އިތުރުން އެ މީހުންގެ ބެލެނިވެރިއަކު ނުވަތަ އަޅާލާނެ އެއްވެސް ފަރާތެއް ނެތުމާއެކު ޚާއްސަ އެހީއަށް ބޭނުންވާ 36 މީހަކު މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބިކަމަށް އެޗްއާރުސީއެމްއިން އާންމުކުރި ރިޕޯޓުގައިވެއެވެ.
ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ގާއިމު ކުރި މަރުކަޒެކެވެ.
އެ މަރުކަޒަކީ ދިވެހި ރައްޔިތުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި،
ނަފްސާނީގޮތުންނާއި، ސިކުނޑީގެގޮތުން ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބަލަދުވެރިން ނުވަތަ ބެލެނިވެރިންނަށް ނުވަތަ
އެނޫން ބަޔަކަށް ވެސް ސަލާމަތާއި ރައްކާތެރިކަމާއެކު މުޖްތަމައުގައި އެމީހުން ގެންގުޅެންދަތި މީހުންނާއި، ކުދިން ބަލަހައްޓާ މަރުކަޒެކެވެ.
ހަމައެއާއެކު އެ މަރުކަޒުގައި އުމުރުން ދުވަސްވުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމާއެކު މުޖުތަމައުގައި އެކަނި އުޅެން ދަތިވުމުގެ އިތުރުން އެމީހުންގެ ބަލަދުވެރިއަކު ނުވަތަ ބެލެނިވެރިއަކު ނުވަތަ އަޅާލާނެ ޔާރެއް، އިޔާރެއްނެތުމާއެކު، ޒަރޫރީކަންކަން އަމިއްލަޔަށް ފުއްދައިގަތުމަށް ނުކުޅެދިފައިވާ މީހުން ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ގާއިމުކުރި މަރުކަޒެކެވެ.
އެ މަރުކަޒަކީ ދައުލަތުގެ ބެލެމުގެދަށުގައި މިފަދަ ފަރާތްތައް މަރުކަޒުކުރެވިގެން ބަލަހައްޓަމުންގެންދާ ހަމައެކަނި މަރުކަޒެވެ.