ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ޝަރުތައް ލުޔެއް ލިބޭ ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ އެ ބިލު ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލުގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާ ނަމައެވެ.
މިހާރު ގާނޫނު ބުނާގޮތުން ޔުނިވާސިޓިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މެދުކެނޑުމެއް ނެތި 20 އަހަރު ކޮލެޖެއްގެ ގޮތުގައި ހިންގަމުންދާނަމައެވެ. ގާނޫނުގައިވާ ގޮތުން ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަމަވެސް ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.
އެ ބިލުގައި ފާހަގަކޮށްފައިވާ އިތުރު ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ 500 ދަރިވަރުން ތިބި ކޮލެޖަކަށް ވެސް އެތަނެއް ވާންޖެހެއެވެ. މީގެ އިތުރުން އެ ކޮލެޖަކީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާއެކު ބައިނަލްއަގްވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ތަނަކަށް ވެސް ވާން ޖެހެއެވެ.
ބިލުގައި ބުނެފައި ވަނީ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ ތެރެެއިން މަދުވެގެން 10 ޕަސެންޓް މުވައްޒަފުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމަކީ ވެސް ޝަރުތެއް ކަމަށެވެ.