ގެއްލުނު ފަތުރުވެރިޔާ ތިން ކިލޯ މީޓަރު ފެތުމަށް ފަހު އެރީ ވޭވަށަށް

މ. ވޭވަށް -- ފޮޓޯ/ ބުކިން ޑޮޓް ކޮމް

މ. މުލީ ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ތިން ކިލޯމީޓަރު ފަތާފައި މ. ވޭވަށަށް އަރައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އޭނާ ފަތާފައި ވޭވަށަށް އެރިކަމަށް އެ ރަށު ކައުންސިލުން މިއަދު 02:00 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު "ސަން"އަށް ވިދާޅުވީ ފަތުރުވެރިޔާ ގެއްލުނީ އޮއިވަރުގައި ޖެހިގެންކަމަށެވެ. އަދި އޭނާ އަކީ ރާޅާ އެޅުމުގައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފައިވާ މީހެއް ކަމުން ރާޅާއަޅަން އިތުރަށް މަސައްކަތް ކޮށްފިނަމަ ދާނީ ރަށާ ދުރަށްކަމަށް ވިސްނު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"އޮއި ހުރި ގޮތުން ނެތް ފަތާފަ މުއްޔަށް އެރޭކަށް ވެސް، އެހެންވެ ވޭވަށަށް އެރީ ކަމަށް އޭނާ ބުނީ،" މަމްދޫހު ވިދާޅުވިއެވެ.

ވޭވަށަކީ މުއްޔާ ތިން ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އޭނާ އެ ރަށަށް އެރީ ގަޑިއިރެއްހާ އިރު ފަތާފައެވެ.

ގެއްލިގެން ހޯދީ ޗެކް ރިޕަބްލިކް ފިރިހެނެކެވެ.

މި ދުވަސްވަރަކީ މުލީ ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ.

އއ. އަތޮޅަށް ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު ދިވެހި ޒުވާނަކު ހޯދުމުގެ މަސައްކަތް ވެސް ސިފައިންނާއި ފުލުހުން ކުރަމުން އަންނަތާ ދެ ތިން ދުވަސް ވެއްޖެއެވެ. އެ ޒުވާނާ އަދިވެސް ނުފެނެއެވެ.

comment ކޮމެންޓް