ގާނޫނުތަކަށް ގާސިމް ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ބޭރުކޮށްލައިފި

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރުމަށާއި އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށެެއްގެ ގޮތުގައި ގާނޫނުގައި ހިމެނުމުގެ އިތުރުން މަޖިލީސް މެންބަރުންގެ އަދަދު އިތުރުނުވާ ގޮތް ހެދުމަށް ޖުމްހޫރީ ޕާޓީގެ ލިޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގާނޫނުތަކަށް ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރުމަށް ގާނޫނުލްއުގޫބާތަށް ގާސިމް ހުށަހެޅުއްވި އިސްލާހު ބޭރު ކޮށްލާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި މެމްބަރުންގެ ތެރެއިން 22 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ގާސިމް ވަނީ އެއް ޖިންސުން ގުޅުން ހިންގުން ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ވެސް އިސްލާހު ހުށަހަޅުއްވާފައެވެ. އެ ބިލުވެސް މަޖިލީހުން ވަނީ މިއަދު ބޭރު ކޮށްލާފައެވެ.

އެގޮތުން ލިވާތު ކުރުމާއި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށުގެ ގޮތުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގާސިމް ހުށަހެޅުއްވި އިސްލާހު ބޭރު ކޮށްލާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި މެމްބަރުންގެ ތެރެއިން 25 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 13 މެމްބަރުން ވޯޓު ދެއްވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރާ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި, އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ހުތުރު ފާހިޝް އަމަލުތައްކަމުގައިވާ ލިވާތު އަދި ސިހާގުގެ ކުށް ހިމަނަން ޖެހޭ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލު ކުރާ ފަރާތްތައް ތަހުގީގީ މަރުހަލާއަށްފަހު ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިން ވެސް އެ ނުރައްކާތެރި ވަހުޝީ އަމަލު އެހެން ބަޔަކާއެކު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ 22 ވަނަ މާއްދާގައި ބޮޑެތި ކުށުގެ ގޮތުގައި ހިމަނާފައިވަނީ 12 ކުށެކެވެ. އޭގެ ތެރޭގައި މީހުން މެރުމާއި ޓެރަރިޒަމާއި މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުމުގެ ކުށް ހިމެނެ އެވެ. އެކުށްތަކުގެ ތެރެއަށް ދާދި ފަހުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށް އިތުރުކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެން އިތުރު ނުކުރެވޭ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް ގާސިމް ހުށަހެޅުއްވި އިސްލާހު ވެސް ވަނީ ބޭރުކޮށްލާފައެވެ.

އެ ބިލު މަޖިލީހުން ބޭރުކޮށްލީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި މެމްބަރުންގެ ތެރެއިން 25 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ހަތް މެމްބަރަކު އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވިއިރު އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވިޔަ ނުދިނުމަށް މީގެ ކުރިން ނިމިދިޔަ ދެ ދައުރުގައި ވެސް މަޖިލީހަށް ހުށަހެޅިއެވެ. އެންމެ ފުރަތަމަ 2013 ވަނަ އަހަރު އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެވެ. އޭގެ ފަހުން ނިމިގެން ދިޔަ މަޖިލީހަށް އޭރުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވެސް އެ އިސްލާހު ހުށަހެޅުއްވިއެވެ.

މަޖިލިސް މެމްބަރުންގެ އަދަދު 77 ގައި ހުރިއިރު އެ އަދަދުގައި ބެހެއްޓުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ މިހާރު މެމްބަރުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ. މިހާރު އޮތް ގޮތުން ކޮންމެ އިންތިހާބަކަށް ވެސް މެމްބަރުންގެެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

އެ ތިން ބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ކޮންމެ މީހަކަށް ޚިދުމަތުގެ އިނާޔަތް ދޭން ބުނާ މާއްދާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުން އުނިކުރަން ހުށަހެޅި ބިލު ވެސް ވަނީ ބޭރުކޮށްލާފައެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހެޅުއްވި އެ ބިލު ބޭރު ކޮށްލާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.

އެ ބިލުގައި ވަނީ، މަޖިލީހުގައި އެއް ދައުރަށް ނުވަތަ ދެ ދައުރަށް މެންބަރުކަން ކުރައްވާފައިވާ މީހަކަށް ޚިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ތަފާތު އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާއިރު، އެއީ ދައުލަތަށް އެތަކެއް އަހަރު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ކަމަށެވެ.

comment ކޮމެންޓް