މިދިޔަ މަހު, މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ބަލައިގަތް ފައިސާގެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 29 ޕަސެންޓު ދަށް އަދަދެއް ކަމަށް މީރާ އިން ބުނެފިއެވެ.
މީރާ އިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހު 1.41 ބިލިއަން ރުފިޔާ އެ އޮތޯރިޓީން ބަލަގެންފައިވާ ކަމަށެވެ. އެ އަދަދަކީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11.0 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުން ކަމަށެވެ. އެ ޓެކްސްތައް މިދިޔަ އަހަރު ބަލައިގަތީ ސެޕްޓެމްބަރުގައެވެ.
އެ އޮތޯރިޓީން ބުނީ މިއަހަރު އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަކަށް ހަމަޖެހިފައިވަނީ ފާއިތުވި ޖުލައި މަހުގެ 31 ވަނަ ދުވަސް ކަމަށެވެ.
"ސެޕްޓެމްބަރު 2022 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ އަނެއް ސަބަބަކީ، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، އޮކްޓޫބަރު މަހަށް ސުންގަޑި ފަސްވުމުން،" މީރާއިން ބުނެއެވެ.
މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް، ކޯޕޮރޭޓް އިންކަމް ޓެކްސް އަދި ޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ބުނެއެވެ.
އެ އޮތޯރިޓީން ބުނީ މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށެވެ. އެއީ 640.93 މިލިއަން ރުފިޔާ ކަމަށް މީރާއިން ފާހަގަ ކުރެއެވެ. މީރާއިން ބުނީ ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުން ކަމަށެވެ. އެއީ 297.63 މިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނީ އިންކަމް ޓެކްސްގެ ގޮތުގައި 149.30 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 77.69 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 174.84 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިދިޔަ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 59.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާއިން ބުނެއެވެ.