ސަދިއޯ މާނޭ އޭ ބުނެފިނަމަ ފުޓްބޯޅައަށް ސަޕޯޓްކުރާ އެންމެންވެސް އިއްތިފާގު ވާނީ އެއީ މަޝްހޫރު ކުޅުންތެރިންނާ މުޅިން ތަފާތު ސްޓައިލެއްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނެވެ. މާނޭގެ އާންމު ދިރިއުޅުމާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އާންމު ދިރިއުޅުމާ ވަރަށް ތަފާތެވެ.
މިދިޔަ ފުޓްބޯޅަ ސީޒަން ނިންމާލުމަށްފަހު މަޝްހޫރު ކުޅުންތެރިން ޗުއްޓީއަށް ފުރިއެވެ. އަގުބޮޑު ލަގްޒަރީ ރިސޯޓްތަކަށެވެ. މާނޭގެ އެންމެ ގާތް އެކުވެރިޔާ މުހައްމަދު ސަލާހް ޗުއްޓީ ހޭދަކޮށްލުމަށް އައީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓަށެވެ.

މާނޭ މިދިޔަ ސީޒަނުގައި ސެނެގާލަށް ކުރި ދަތުރުގައި އޭނާގެ އަވަށު މީހުންނާއެކު މަގުމަތީ ޗަކަގަނޑުގައި ފުޓްބޯޅަ ކުޅެނީ --- ފޮޓޯ/ ޔޫޓިއުބް ވީޑިއޯއިން
ސީޒަން ނިންމާލުމަށްފަހު ފޮށި ތަންމަތި ހިފައިގެން މާނޭ ދިޔައީ ސެނެގާލަށެވެ. އާދައިގެ މަތިން އޭނާގެ އަވަށްކަމަށްވާ ބަމްބާލީއަށެވެ. މާނޭގެ ޚަރަދުގައި ބަމްބާލީގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ އިތުރުން އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ހަދަމުންދާ ތަންތަން ކުރިއަށްދާ ގޮތް ބަލާލުމަށެވެ.
މިއީ މާނޭ ކޮންމެ ސީޒަނެއް ނިންމާލުމަށްފަހުވެސް އާދަކޮށް ކަންކުރާ ގޮތެވެ.

މާނޭގެ ހަރަދުގައި ސެނެގާލްގެ އަވަށެއްގައި އެޅި ސްކޫލެއް
ފުޓްބޯޅަ ކުޅެގެން މާނޭއަށް ލިބޭ އާމްދަނީ މުޅިންހެން ހޭދަ ކުރަނީ އޭނާގެ އުފަން އަވަށުގެ އިތުރުން ސެނެގާލްގެ އެކި އަވަށްތަކުގެ ހާލަތު ރަނގަޅުކުރުމަށެވެ. މަޝްހޫރު އެހެން ކުޅުންތެރިން އަގުބޮޑެތި ކާރުތަކާއި ލަގްޒަރީ ގެތައް ގަތުމަށް ޚަރަދުކުރިނަމަވެސް މާނޭ މުޅިން ތަފާތެވެ. މުސާރައިގެ ގޮތުގައި މާނޭއަށް އަހަރަކު ގާތްގަނޑަކަށް 14 މިލިއަން ޑޮލަރު ލިބޭއިރު، މުސާރައިގެ ބޮޑުބައެއް ހޭދަކުރަނީ ސެނެގާލްގެ އެކި އަވަށްތަކުގައި ދިރިއުޅެމުންދާ ފަގީރުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށެވެ.
ގާނާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މާނޭ ބުނީ، ދިރިއުޅުމުގައި ހެދޭ އެންމެ ބޮޑު ގޯހަކީ، ގަސްދުގައި ނަމަވެސް ތިމާގެ އަސްލު ހަނދާން ނައްތާލެވުން ކަމަށެވެ.
"އަހަރެންނަށް އެނގޭ އަހަރެން މިއީ ކާކުކަން. އަހަރެން ނުކިޔަވަން. ސަބަބަކީ އަހަރެމެން އަވަށުގައި ތައުލީމު ލިބޭނޭ މަގެއްނެތް. ލަގްޒަރީ ކާރުތަކާއި، މަތިންދާބޯޓުތަކެއް އަހަރެންނަކަށް މުހިއްމެއްނޫން. ސެނެގާލްގެ ރައްޔިތުންގެ ދިރިއުޅުން އެހެން ހާލަތަކަށް ގެންދިއުމަށް ކުރަމުން މިދާ މަސައްކަތުން މާބޮޑަށްވެސް ހިތްހަމަޖެހޭ،" ސަދިއޯ މާނޭ ބުންޏެވެ.

މާނޭގެ ހަރަދުގައި އޭނާގެ އަވަށުގައި އެޅި ހޮސްޕިޓަލް
މާނޭ ނިސްބަތްވާ ބަމްބަލީ އަވަށުގައި އެންމެ ފުރަތަމަ ހޮސްޕިޓަލެއް ހުޅުވާފައިވަނީ މާނޭ ޚަރަދުކޮށްގެންނެވެ. މި ހޮސްޕިޓަލް އަޅައި ނިންމުމަށް މާނޭ ވަނީ 450،000 ޕައުންޑް ޚަރަދުކޮށްފައެވެ.
ސަދިއޯ މާނޭގެ ސިފަތަކުގެ ތެރެއިން އޭނާގެ ހިތްތިރިކަމާއި އަޚްލާގުގެ ވާހަކަވެސް މީޑިއާތަކުން ފާހަގަކުރެއެވެ. އެންމެފަހުން ބޭއްވި އެފްރިކަން ކަޕްގައި މިސްރު ބަލިކޮށް ސެނެގާލް ކާމިޔާބީ ހޯދުމުން، މާނޭގެ އޭރުގެ ކުލަބް ލިވަޕޫލުން އެކަން ފާހަގަ ނުކުރުމުން ސެނެގާލްގެ ރައްޔިތުން ތިބީ ލިވަޕޫލް ޓީމުދެކެ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
މި މައްސަލަ ހޫނުވިވަރުން އޭރު ސެނެގާލްގެ ރައްޔިތުން ވަނީ މާނޭ ލިވަޕޫލްގައި މަޑުކުރަން ފެނޭތޯ ވޯޓެއްވެސް ނަގާފައެވެ. ވޯޓުން ދެއްކީ މާނޭ ލިވަޕޫލް ދޫކޮށްލަން ޖެހޭ ކަމަށެވެ. ކޮންމެއަކަސް ސެނެގާލްގެ ރައްޔިތުންގެ އެދުމަށް މާނޭ ލިވަޕޫލް ދޫކޮށްލިއެވެ.

މާނޭގެ ހަރަދުގައި އެޅި ހައި ސްކޫލެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބަމްބަލީގެ ރައްޔިތުން --- ފޮޓޯ/ މާނޭ
ފަހުން އެނގުނު ގޮތުގައި ސެނެގާލްގެ ކާމިޔާބީ ލިވަޕޫލުން ފާހަގަނުކުރީ މާނޭ އެދިގެންނެވެ. އެއީ ސަލާހް ހިތުގައި ޖެހިދާނެތީއެވެ. މިވާހަކަ މާނޭ ހާމަކުރީ ޖަރުމަނުވިލާތުގެ ބަޔާން މިޔުނިކް ބަދަލުވުމަށް ފަހުއެވެ. އެފަހަރު އެފްރިކަން ކަޕް ސެނެގާލް ހޯދީ ޕެނަލްޓީ ޖަހައިގެން ސަލާހުގެ މިސްރު ބަލިކޮށްގެންނެވެ. އެހެން ކުލަބްތަކުން ވަނީ ސެނެގާލް ކުޅުންތެރިންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ގާޑުއޮފް އޮނާ ދީފައެވެ.
ކޮންމެއަކަސް ސަދިއޯ މާނޭ އަކީ މަޝްހޫރު އެހެން ފުޓްބޯޅަ ކުޅުންތެރިންނާ ތަފާތު، ވަރަށް އާދަޔާ ޚިލާފް ޝަޚްސިއްޔަތެކެވެ. މާނޭ އަކީ އިސްލާމް ދީނަށްވެސް ލޯބިކުރާ ދީނީ ވާޖިބުތައް އަދާކުރުމުގައިވެސް ވަރަށް ފަރުވާތެރި ކުޅުންތެރިއެކެވެ. މިއީ ހުޅަނގުގެ މީޑިއާތަކުންވެސް ފާހަގަކުރަމުން އަންނަ ކަންތައްތަކެވެ.