އަވައްޓެރި ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު 3.8 މިލިއަން ރުފިޔާ، ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަތަރު މުޚުތަރާ ހަވާލުކޮށްފިއެވެ.
"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" (ޕީއެމްއެފްއޭ)އިން އިސްނަގައިގެން 18 ގަޑިއިރަށް ކުރިއަށް ގެންދިއަ ޓެލެތޯނު ބާއްވާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުގައެވެ.
ޕާކިސްތާނަށް އެހީވުމަށް ހަ ފަރާތަކުން ވޮޮލަންޓިއާ ކޮށްފައިވާއިރު އެ ހަރަކާތުގައި ނުވަ މީޑިއާއަކުން ވަނީ ބައިވެރިވެފައެވެ. އެ ހަރަކާތަށް ބޮޑު ތަރުހީބެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ލިބިފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ބައެއް ރަށްރަށުން ވެސް ވަނީ އެ ހަރާކުގައި ބައިވެރިވުމަށް ފަންޑު ފޮށި ބަހައްޓާފައެވެ.
'ސަން' އާ ވާހަކަ ދައްކަވަމުން ޕީއެމްއެފްއޭގެ ރައީސް މަސްއޫދު އިމާދު ވިދާޅުވީ އެ ހަރަކާތް ހިންގުމަށް ސަރުކާރުގެ ފަރާތުން ވަރަށް އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށެވެ. އަދި މީޑިއާތަކުން ދިން އެއްބާރުލުން ފާހަގަކުރައްވާ މަސްއޫދުވަނީ މީޑިއާތަކަށް ވެސް ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ދިން އެއްބާރުލުން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނަށް އެހީވުމަށް އެކި ސަރަހައްދުގައި ފަންޑު ފޮށި ވަނީ ބަހައްޓާފައި---
އެ އަދަދަށް ފައިސާ ލިބުނީ އާދައިގެ އާންމު ރައްޔިތުންގެ ފަރާތުން ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރާއްޖޭގައި ފާހަގަ ކޮށްލެވޭ މަހުޖަނުން ތިބި ނަމަވެސް އުއްމީދު ކުރި ވަރަށް ބައެއް މީހުން އެ ހަރަކާތުގައި ބައިވެރި ނުވާ ކަން ފާހަގަކުރެވުނު ކަމަށެވެ.
މަސްއޫދު ވިދާޅުވީ އެ ހަރަކާތަށް ގުރުއާނާ ބެހޭ މަރުކަޒުގެ އިތުރުން ގާލް ގައިޑް އެސޯސިއޭޝަނުގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒުން ފަންޑު ފޮއްޓެއް ބަހައްޓައިގެން އެއް ދުވަހުގެ ތެރޭގައި ބައިލައްކައެއްހާ ރުފިޔާ ހޯދި ކަމަށެވެ. އަދި ވޮލަންޓިއަރު މަސައްކަތުގެ އިތުރުން ގާލް ގައިޑް އެސޯސިއޭޝަންގެ އަމިއްލަ މަސައްކަތުން 235،000 ހޯދި ކަމަށް ވެސް މަސްއޫދު ވިދާޅުވިއެވެ.
އެ ހަރަކާތަށް އެމްއެންޔޫ، އުރީދޫ، ދިރާގު، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޭނާ ވިދާޅުވީ އެ ހަރަކާތައް އެހީތެރިކަން ފޯރު ކޮށްދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ހައްގު ކަމަށެވެ.
ޕާކިސްތާނުގެ ބޮޑު ބައެއްގައި ފެންބޮޑުވުމާ ގުޅިގެން ނުރައްކާތެރި ބަލިތައް ފެތުރެން ވަނީ ފަށާފައެވެ. ފެނުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، ސާފު ބޯފެނާއި ރަނގަޅު ސިއްހީ ފަރުވާއެއް ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ބަލީގައި ހާލުބޮޑުވަމުންނެވެ.

ޕާކިސްތާނަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފަ -- ފޮޓޯ/ އޭޕީ
ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގައި ފެންބޮޑުވެ، 1500 މީހުން މަރުވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އަންދާޒީ ރިޕޯޓުތަކުން ބުނެއެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނޭއިރު، މިފަހަރުގެ ވިއްސާރައަކީ ޕާކިސްތާނަށް ރިކޯޑު އަދަދަކަށް ވާރޭ ވެހުނު ވިއްސާރައެއްކަން ފާހަގަކޮށްލެވެއެވެ.