އިންޑިއާއިން އުފައްދާ ކުޑަކުދިންގެ ކޯފް ސިރަޕަކަށް ސަމާލުވާން އެދެފި

ވިހަވެފައި ވާތީ ބޭނުންކުރުން މަނާކުރި ކޯފް ސިރަޕްތައް -- ފޮޓޯ: އެމްއެފްޑީއޭ

އިންޑިއާގެ މެއިޑެން ފާމަސޫޓިކަލް އިން އުފައްދާ ކޯފް ސިރަޕެއްގައި އެކުލެވޭ މާއްދާތަކެއްގެ ސަބަބުން އެ ބޭސް ވިހަވެފައިވާތީ އާއި އެއީ ރާއްޖެ އަށް އެތެރެވުމުގެ ފުރުސަތު ވެސް އޮތް ބޭހަކަށް ވާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ އެކުންފުނިން އުފައްދާ ކޯފް ސިރަޕެއްގައި ހިމެނޭ ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަޣައްޔަރުވެފައިވާ ކަމަށެވެ.

އެކަން ގެންބިއާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޑަބްލިއުއެޗްއޯގެ އިރުޝާދުގެ މަތިން، ބޭނުންކުރުން މަނާކުރީ މެއިޑަން ފާމަސޫޓިކަލްސް އިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އުފައްދާފައިވާ ހަތަރު ބާވަތެއްގެ ކޯފް ސިރަޕެވެ. އޭގެ ތެރޭގައި:

• ޕްރޮމެތަޒީން އޯރަލް ސޮލިއުޝަން - ލޮޓް ނަމްބަރު: އެމްއެލް21-202

• ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-199

• މަކޮފް ބޭބީ ކޯފް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-203

• މެގްރިޕް އެން ކޯލްޑް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-198

"އެ ބޭހަކީ ރާއްޖެ އަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީ އަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ރާއްޖެ އަށް އިމްޕޯޓް ވުމުގެ ފުރުސަތު އޮތް ބޭހަކަށް ވާތީ އެކަމަށް ސަމާލުވާން އެދެން،" އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައިފާސްކުރުމުން ގެންދާނެ ކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.

އެމްއެފްޑީއޭގެ އެ ބަޔާނުގައި އެ ބޭހާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެ އިދާރާގެ ހޮޓްލައިން ނަންބަރު 7200321އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެ އޮތޯރިޓީން އެދެއެވެ.

އިއްޔެ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ އިންޑިއާގެ އެ ކުންފުނިން އުފައްދާ އެ ބޭސްތަކާ މެދު ސަމާލުވުމަށް އެދިފައެވެ.

comment ކޮމެންޓް