ދެ ސްޕޭސް ޝަޓްލް މިޝަންއެއްގައި ޖައްވަށް ދަތުރުކޮށް، ޖުމްލަ 33 ގަޑިއިރާއި 42 މިނެޓު ޖައްވުގައި ހިނގާފައިވާ ކުރީގެ ނާސާގެ އެސްޓްރޮނޮޓް، ހެއިޑީމެރީ ސްޓެފަނީޝީން ޕައިޕާ އަކީ ނާކާމިޔާބީއާއި ކެރިގެން ކުރިމަތިލައި، ކާމިޔާބީ ހޯދުމުގައި މިސާލުދައްކާފައިވާ ކުޅަދާނަ މީހެކެވެ.
އޭނާއަށް ލިބިފައިވާ ޝަރަފުތަކާއި އެވޯޑްތަކުގެ ތެރޭގައި މެރިޓޯރިއަސް ސާވިސް މެޑަލް، ދެ ނޭވީ ކޮމެންޑޭޝަން މެޑަލް އަދި ދެ ނޭވީ އެޗީވްމަންޓް މެޑަލް ހިމެނޭ އިރު އޭނާ ވިދާޅުވާ ގޮތުގައި ކޮންމެ ކަމަކާ ވެސް ކެރިގެން، ހިތްވަރާ އެކު ކުރިމަތިލައިފިނަމަ އެކަން ކާމިޔާބުވާނެއެވެ.
ހެއިޑީ އަކީ ސްކޫލު ދައުރުން ފެށިގެންވެސް ކިޔެވުމަށް ގަދައަޅައި މަސައްކަތް ކުރި ދަރިވަރެކެވެ. އޭނާގެ މައިންބަފައިން އަބަދުވެސް އުއްމީދު ކުރަމުންދިޔައީ ހެއިޑީއާއެކު އޭނާގެ ބޭބެމެންނަކީ ވެސް ކިޔަވައިގެން ރަނގަޅު ވަޒީފާ އަދާކުރާ ބަޔަކަށް ވެގެން ދާނެ ކަމަށެވެ. އެ އުއްމީދު ފުރިހަމަ ކޮށް ކާމިޔާބު މީހަކަށް ވުމަށްޓަކައި ހެއިޑީ އަތުކުރި އޮޅާލީ ސްކޫލު ދައުރުގައެެވެ.
"ހައި ސްކޫލު ނިންމާފަ ހިތަށްއެރީ ކޮން ރޮނގަކުންބާއޭ ކިޔަވާނީ. އަހަރެން އެންމެ މޮޅު މާއްދާއަކީ ހިސާބު އަދި ސައިންސް. އެހެންވެ އިންޖިނިއަރަކަށް ވާން ނިންމީ. އޭރުން ހިސާބު އަދި ސައިންސް ގެ ބޭނުން ހިފޭނެ ކަމަށް ނިންމާފަ." ހެއިޑީ ކިޔައިދިނެވެ.
ކުޑައިރުން ފެށިގެން ވެސް އެއްޗެހި މަރާމާތުކުރުމަށް ހުންނަ ހެއިޑީ ފާހަގަ ކުރާ އޭނާ އެންމެ ހަނދާން ހުންނަ އެއް ކަމަކީ އޭނާގެ މަންމަ ގެންގުޅު ރޭޑިއޯ އެއް ހަލާކުވުމުން އެ ރޭޑިއޯ އަލުން މަރާމާތު ކުރި ހަނދާނެވެ.
ހެއިޑީގެ އެ ނިންމުމާއެކު އޭނާ ކޮލެޖުތަކަށް އެޕްލައި ކުރަން ފެއްޓިއެވެ. އަދި އޭނާއަށް ރަނގަޅު ކޮލެޖަކުން ކިޔެވުމުގެ ފުރުސަތުވެސް ލިބުނެވެ. ނަމަވެސް ކޮލެޖު ޓިއުޝަން ފީ ބޮޑުވުމުގެ ސަބަބުން އޭނާއަށް އެ ކޮލެޖަށް ދެވޭ ގޮތް ނުވީއެވެ. އެހާހިސާބުން ހިތްވަރު ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަދި ކޮލެޖް ޓިއުޝަން ފީ ދެއްކޭނެ ގޮތެއް ހޯދުމަށް އޭނާ މަސައްކަތް ފެށިއެވެ.
އެންމެ ފަހުން ހެއިޑީ ނިންމީ ނޭވީން ސްކޮލާޝިޕެއް ނަގާށެވެ. އެ ސްކޮލާޝިޕްގެ ދަށުން ކޮލެޖަށް ފައިސާ ދެއްކޭނެ މަގު އޭނާ ހޯދިއެވެ. އަދި ކިޔަވާ ނިންމާ މިލިޓަރީގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު ނޭވީގައި މަސައްކަތް ކުރަން ބޭނުން ނޫން ނަމަ ވަޒީފާއިން ވަކިވުމަށް ނިންމާ، އޭނާ ކިޔަވަން ފެއްޓިއެވެ.
ނޭވީއާ ބެހޭ ގޮތުން އަހަރެން ދަސްވަމުން ދިއަ ވަރަކަށް ހެއިޑީގެ ޝައުގުވެރިކަން އެކަމަށް ދަމައިގަތެވެ. އަދި އެންމެފަހުން ޕައިލެޓަކަށް ވާން ނިންމާ، ޓެސްޓުތައް ހަދަން ފެއްޓިއެވެ. އެކަމުން ވެސް ހެއިޑީއާ ކުރިމަތިވީ ނާކާމިޔާބީއެވެ. ހެދި 'އައި ޓެސްޓް' އިން ފާސްވެ ޕައިލެޓަކަށް ވާން ކުރި އުއްމީދުގެ ހުޅުކޮޅު ނިވުނެވެ. އެކަމުން ވެސް ކާމިޔާބު މީހަކަށް ވުމަށް ދެކެމުން އައި ހުވަފެން އޭނާ ދުލެއް ނުކުރިއެވެ. އަދި ނޭވީ ޑައިވާ އަކަށް ވުމަށް ނިންމިއެވެ. އެގޮތުގެ މަތިން ޓްރެއިނިން ނިންމާ، ހެއިޑީ ވަނީ ކަނޑު އަޑީގެ ފްލީޓުތަކާ ބޯޓުތައް މަރާމާތު ކުރުމުގައި ހަރަކާތްތެރި ވެފައެވެ.
ހެއިޑީއަށް ސްޕޭސް ޕްރޮގްރާމްގެ ވާހަކަ އަޑުއިވުނީ އެހެން އޮފިސަރެއްގެ ފަރާތުންނެވެ. އެ ވާހަކަ އަޑު އިވުމުން އެ ޕްރޮގްރާމްގައި ބައިވެރި ވުމަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއް ކަން އޭނާ ހޯދިއެވެ.
"އެމީހުން ބޭނުންވީ ޓެކްނިކަލް ޑިގްރީއެއް އޮންނަ، މަސައްކަތުގެ ތަޖުރިބާ ހުރި މީހެއް. އަހަރެން އަތުގައި ޓެކްނިކަލް ޑިގްރީއެއް އޮތް. އަދި ތަޖުރިބާ ވެސް ހުރި,"
އެކަމުން ވެސް ހެއިޑީއާ ފުރަތަމަ ކުރިމަތިވީ ނާކާމިޔާބީއާއެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް ހެއިޑީ ނާސާ އަށް ދާން އެޕްލައި ކުރިއެވެ. އެފަހަރު އޭނާ އަށް ނާސާއިން ދިން ފެހި ސިގްނަލާއެކު އެންމެ ފަހުން އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވިއެވެ. އެގޮތުން 1996 ވަނަ އަހަރުގެ އޭޕްރީލް މަހު ނާސާގެ އެސްޓްރޮނޯޓެއްގެ ގޮތުގައި ހޮވި އޭނާ ވަނީ ޖޯންސަން ސްޕޭސް ސެންޓަރަށް ހަމަ އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ގުޅި، މަސައްކަތް ކޮށްފައެވެ.
އޭނާ ވަނީ ދެ ސްޕޭސް ޝަޓްލް މިޝަންއެއްގައި ޖައްވަށް ދަތުރުކޮށް، ޖުމްލަ 33 ގަޑިއިރާއި 42 މިނެޓު ޖައްވުގައި ހިނގާފައެވެ. ހެއިޑީ ނާސާ އިން ރިޓަޔާ ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. އަދި އެއަށް ފަހު އަލުން އަނބުރާ އޭނާ ވަނީ ނޭވީ އާ ގުޅިފައެވެ.
ހެއިޑީގެ ހިތްވަރުން ހޯދި ކާމިޔާބީތަކާ ދިމާވި ގޮންޖެހުންތަކުގެ ވާހަކަ އޭނާ ވަނީ މިއަދު އޮތް ބައްދަލުވުމެއްގައި ދިވެހިންނާ ހިއްސާ ކޮށްފައެވެ. ނެޝެނަލް އާޓް ގެލެރީގައި އޮތް އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި އިރު އޭނާ ވަނީ އެއީ މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެއް ކަމަށް ބުނެ އޭނާ ވަނީ އެސްޓްރޮނޮޓް އަކަށް ވުމުގެ ޝައުގުވެރިކަން އުފެދިފައިވާ ކުދިންނަށް ހިއްވަރުދީފައެވެ. ހެއިޑީ ކުރި ބުރަ މަސައްކަތުގެ ފޮނިކަން މިއަދު ފެންނަމުންދާއިރު އޭނާގެ ހަޔާތުން އިބުރަތް ހާސިލް ކުރާނެ އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ.