ޑޭކެއާ ސެންޓަރަކާއި އިތުރު ތިން ތަނެއް އިމާރާތްކުރަން އެޗްޑީސީން ހަތަރު ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިއަދު ހަވީރު މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ހަތަރު ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ޑޭކެއާ ސެންޓަރެއްގެ އިތުރުން ވޯކާސް ބިލްޑިން އަކާއި އޮޓޯ ސެންޓަރަކާއި ޕާކިން ބިލިންޑިންއެއް ހުޅުމާލޭގައި ގާއިމްކުރުމަށެވެ.
ޑޭކެއާ ސެންޓަރެއް ގާއިމްކުރަން ހަވާލުކުރީ އެސޯސިއޭޓެޑް ބިޒްނަސް އެޖެންޓްސްއާއެވެ. އެ ސެންޓަރު ހިންގަން އިމާރާތްކުރަނީ ހަ ފްލޯ ހިމެނޭ 3000 އަކަފޫޓުގެ އިމާރާތެކެވެ. ޑޭކެއާ ސެންޓަރެއް ގާއިމް ކުރަނީ ވަޒީފާގައި އުޅޭ ވަގުތު ދަރިން ރައްކާތެރިކަމާއެކު ބެލޭނެ ނިޒާމެއް ހުޅުމާލޭގައި ގާއިމް ކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
ވޯކާސް ބިލްޑިން ގާއިމްކުރަން ހަވާލުކުރީ ހޮންގްކޮންގްގެ ރޯޑްލައިން އިންޖިނިއަރިން ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއެވެ. އެފަދަ ބިލްޑިން އެއް ގާއިމް ކުރަނީ ކުންފުނިތަކުން ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީ މުވައްޒަފުންނަށް ރާއްޖޭގައި ފަހި ދިރިއުޅުމެއް ގާއިމްކޮށްދީ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެޗްޑީސީން ބުންޏެވެ.
އެއީ 9000 މަސައްކަތްތެރިނަށް އުޅެވޭ 18 ބްލޮކް ހިމެނޭ ބިލްޑިންއެކެވެ. އެކޮމަޑޭޝަން ބްލޮކްތަކުގައި ހަތަރު މީހުންނާއި ހަ މީހުންގެ ޖާގައިގެ ކޮޓަރިއާއި ފާޚާނާ ބަރި އަދި ނަމާދު ގެއާއި ފިހާރަހުންނާނެއެވެ. މި ބިލްޑިންގައި ކިޗަން އަދި މެސްރޫމް ހުންނާނީ ވަކިން އެކަމަށް ޚާއްސަކުރެވިފައިވާ ފްލޯތަކުގައެވެ. މި ބިލްޑިންގައި ސެކިއުރިޓީ ހޯލްތަކާއި ކޮންފަރެންސް ހޯލެއް އަދި މެޑިކަލް ރޫމެއް ހިމެނޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ހަތަރު މަޝްރޫއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އޮޓޯ ސެންޓަރު ގާއިމްކުރަން ހަވާލުކުރީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއެވެ. ރައްޖޭގައި މި ވަގުތު ހިންގާ ގިނަ ގަރާޖުތަކަކީ ކުޑަ ތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެތަކުގައި ގިނަ ފަހަރު ބޮޑު ކުއްޔެއް ދައްކައިގެން ހިންގާ ގަރާޖުތަކެކެވެ. އެ ތަންތަނުގައި އެކިކަހަލަ ކެމިކަލްތައް ބޭނުންކުރެވި އެ ކެމިކަލްތައް ބޭނުންކުރުމަށްފަހު ޑިސްޕޯސްކުރަންޖެހެއެވެ. އާންމުން ދިރިއުޅޭ ތަންތާ މިއީ ކުރުން އެންމެ ރައްކާތެރި ކަންކަމެއް ނޫނެވެ. އެޗްޑީސީން އިސްނަގައިގެން ތަރައްގީކުރާ އޮޓޯ ސެންޓަރަކީ ބޭސްމަންޓާއެކު ފަސްބުރި ހިމެނޭ 35،400 އަކަފޫޓުގެ ޖާގައިގެ ތަފާތު އިމާރާތެކެވެ. މި އިމާރާތުގައި ހަތް ސާވިސް ލިފްޓް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ހަތަރު މަޝްރޫއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ޕާކިން ބިލްޑިން ގާއިމް ކުރަން ހަވާލުކުރީ ދަމާސްއާއެވެ. މާލެ ސަރަހައްދުގެ ރަށްތައް ބްރިޖްތަކުން ގުޅާލެވި އެއްފަސް ކުރެވިގެންދާ މި ވަގުތު ވެހިކަލްތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ވެހިކަލްތައް ޕާކުކުރާނެ ޖާގަ އަދި ހަރުދަނާ އުސޫލުތައް މި ސަރަހައްދުގައި ނެތުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ. ދަމާސްއާއި އެޗްޑީސީގެ އިސްނެގުމުގެ މަތިން މިއަދު މި ފަށާ ޕާކިން ބިލްޑިންގެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލައަށް ބޮޑެތި ހައްލުތައް ހޯދައިދޭނެ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ.
މިއީ 24،700 އަކަފޫޓުގެ ޖާގައިގެ ޕާކިން ބިލްޑިންއެކެވެ. އިމާރާތުގެ ހަ ފްލޯ ޚާއްސަކޮށްފައި ވަނީ ވެހިކަލް ޕާކުކުރުމަށެވެ. ދެ ފްލޯ ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރާއިރު އެތަނުގައި ފިހާރައާއި ފާޚާނާ ވެސް ހުންނާނެއެވެ.

އެޗްޑީސީން ހަތަރު މަޝްރޫއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ އެޗްޑީސީގެ މަސައްކަތް މިވަގުތު ބަރޯސާވެފައި ވަނީ ހަމައެކަނި ހުޅުމާލޭގެ ތަރައްގީއަށް އެކަނި ނޫންކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ މުޅި މާލޭގައި ހުރި މައްސަލަތަކަށް ހައްލު ގެނައުންކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ އަމަލީ މަސައްކަތް ކުރު ތާރީޚެއްގެ ތެރޭގައި ފެށޭނެކަމަށެވެ.

އެޗްޑީސީން ހަތަރު މަޝްރޫއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އާތިފް ވިދާޅުވީ ހުޅުމާލޭގައި ތަރައްގީކުރުމަށް މިއަދު އެއްބަސްވި ޕާކިން ބިލްޑިންގެ ސަބަބުން މާލޭގެ ޕާކިން މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހުރުން ހަމަޖެހިފައިވަނީ އެންމެ އެދެވޭގޮތަށް ނޫންކަމަށެވެ. އަދި ކޮވިޑުގެ ހާލަތުގައި ވެސް އެކަމުގެ ސަބަބުން އެތައް މައްސަލައެއް ފެންމަތިިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޗްޑީސީގެ މެނެޖިން ޑިރެކްޓަރު އަހްމަދު އާތިފް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"މި ޕްރޮޖެކްޓްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް އަޅުގަނޑުމެނަށް ލިބޭނެ ލޭބަރުންނަށް އެކޮމެޑޭޝަން ދިނުމުގަ،" އާތިފް ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ މައިގަނޑު ވިސްނުމަކީ މުޅި މާލެ ސަރަހައްދަށް އެކަމުގެ އެދެވޭ އަސަރު ކުރުން ކަމަށް އާތިފް ވިދާޅުވިއެވެ. އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަކީ މުޖުތަމައުއަށް ބޭނުންތެރި ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މީހުން ދިރިއުޅޭ ތަނެއްނަމަ ޕާކުތަކާއި، ސްކޫލުތަކާއި އަދި ޕާކިންޒޯނުތައް ވެސް ހުންނަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މި ތަންތަން ނެތިއެއް މި ބުނާ ހިތްހަމަޖެހުމެއް ނުލިބޭނެ،" އާތިފް ވިދާޅުވިއެވެ.