ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ މޮޅުވިޔަ ނުދީ ބެންފިކާއިން ހިފަހައްޓައިފިއެވެ.
ރޭ ބެންފިކާގެ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
އެ މެޗުގައި ޕިއެސްޖީން މެޗު ކޮންޓްރޯލް ކޮށްގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެ ޓީމުން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސް ކޮށްފައެވެ.
އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ބެންފިކާގެ އޭރިއާ ބޭރުން ލިއޮނަލް މެސީ ޖެހި އެ ރީތި ގޯލު ދިފާއުކުރަން ބެންފިކާގެ ކީޕަރަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
އެ ގޯލާއެކު މެސީއަށް ވަނީ ޗެމްޕިއަންސް ލީގުގައި ހާއްސަ ރެކޯޑެއް ލިބިފައެވެ. އެއީ އެ ލީގުގައި އެންމެ ގިނަ ޓީމު ކޮޅަށް ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެެވެ. މެސީ ވަނީ 40 ޓީމު ކޮޅަށް ގޯލު ޖަހައިފައެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ބެންފިކާއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. އެ ޓީމަށް ލިބުނު ކޯނަރެއްގައި ހުސްކޮށް ހުރެ އެންޓޯނިއޯ ސިލްވާ ފޮނުވާލި ބާރު ހަމަލާ، އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ބެންފިކާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެއީ އެންޒޯ ނަފާންޑޭޒް ނަގައިދިން ހުރަހެއް ޕީއެސްޖީގެ ޑެނީލޯ ޕެރޭރާ ގައިގައި ޖެހިފައި ވަތް ބައި ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފު އެ ނަތީޖާއިން ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ނޭމާއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. ނޭމާ ޖެހި އޯވާހެޑް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 54 ވަަނަ މިނެޓުގައި ނޭމާ ވަނީ އިތުރު ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ބެންފިކާގެ އޭރިއާ ބޭރުން ޖެހި ބާރު ހިލޭ ޖެހުން ދިފާއު ކުރީ ބެންފިކާގެ ކީޕަރެވެ.
މެޗުގެ 69 ވަނަ މިނެޓުގައި މެސީ ބެންފިކާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޕީއެސްޖީގެ އެމްބާއްޕޭއަށް ޖައްސާލި ބޯޅަ އޭނާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ނަމަވެސް އެ ބޯޅައިގެ ހުރަހަކަށްވީ ބެންފިކާގެ ކީޕަރެވެ.
އެ މެޗު އެެއްވަރުވި ނަމަވެސް ގްރޫޕް އެޗްގެ އެއްވަނަައިގައި ޕީއެސްޖީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބެންފިކާ ވެސް އޮތީ އެ އަދަދަށް ޕޮއިންޓު ލިބިގެންނެވެ. ގްރޫޕްގެ އެއްވަނަ ޕީއެސްޖީއަށް ލިބެނީ އެ ޓީމު ޖެހި ގޯލުގެ އަދަދު ގިނަ ވުމުންނެވެ.
އެ ގްރޫޕްގައި ހިމެނޭ ޔުވެންޓްސްއަށް ތާވަލުގެ ތިން ވަނަ ލިބެނީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ފުލުގައި ހައިފާ މެކާބީ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ރޭ ޔުވެންޓަސްއާ ހައިފާ މެކާބީ ބައްދަލުކުރި މެޗު ކާމިޔާބުކުރީ ޔުވެންޓަސްއިންނެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ 35 ވަނަ މިނެޓުގައި އެޑިރިއެން ރެބިއޮޓް ފުރަތަމަ ގޯލު ޖެހިއިރު ދެވަނަ ގޯލަކީ ޑުސެން ވްލަހިވިޗް 50 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ރެބިއޮޓް ވަނީ މެޗުގެ ތިން ވަނަ ގޯލު ޖަހައިފައެވެ. ހައިފާ މެކާބީން ޖެހި ގޯލަކީ މެޗުގެ 50 ވަނަ މިނެޓުގައި ޑީން ޑޭވިސް ޖެހި ގޯލެކެވެ.