ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ ކަރަންޓް ބިލްތަކަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިނުވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީގައި އިއްޔެ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ޕީއެސްއެމް ހިމެނެނީ ކަރަންޓް ބިލުތަކުން ސްޓެލްކޯއަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކަންޖެހޭ ކުންފުނީގެ ގޮތުގައި ކަމަށެވެ. ޕީއެސްއެމުން ސްޓެލްކޯއަށް ދައްކަންޖެހޭ ކަރަންޓް ބިލްތަކުގެ ޖުމްލަ އަދަދު 80.9 މިލިއަން ރުފިޔާއަށް އަރައެވެ.
ޝަރީފް ވިދާޅުވީ ޕީއެސްއެމުން ކަރަންޓް ކަނޑާލުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެކަން މިހާރު ފިނޭންސް މިނިސްޓްރީއާވެސް ހިއްސާކޮށްފައިވާކަމަށެވެ.
ބިލްތައް ނުދައްކައިގެން ކަރަންޓް ކަނޑާލާނަމަ އުސޫލެއްގެ ގޮތުން ފިނޭންސް މިިނިސްޓްރީއާ އެވާހަކަ ހިއްސާކުރާކަށް ނުޖެހެއެވެ. ސްޓެލްކޯއަށް ބިލް ނުދައްކާ ނަމަ ކަރަންޓް ކަނޑާލުމަކީ އެކުންފުންޏަށް ލިބިގެންވާ ހައްގެކެވެ.
މި ކޮމިޓީގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ސަރުކާރުގެ ތަންތަނުގެ ކަރަންޓް ބިލުތަކުން ސްޓެލްކޯއަށް 499 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭކަމަށާއި، މިއީ ސްޓެލްކޯގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރިމަތިވާ ވަރަށްބޮޑު ގޮންޖެހުމެއްކަމަށެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްޓެލްކޯއަށް ދައްކަންޖެހޭއިރު، ބިލްތައް ދެއްކުމަށް ޕީއެސްއެމާއެކު އެއްބަސްވުންތައް ހެދި ނަމަވެސް އެކަމަށްވެސް އެކުންފުނިން އިހުތިރާމު ނުކުރާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސަންއާ ވާހަކަދައްކަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އެކިފަހަރުމަތިން ބިލްތައް ބަހާލައިގެން ދެއްކޭނޭ އިންތިޒާމު ޕީއެސްއެމަށް ހަމަޖައްސައިދިން ނަމަވެސް އެއްބަސްވުމުގައި ބުނެފައިވާ ގޮތަށްވެސް އެކުންފުނިން އަމަލުކުރަމުން ނުދާކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޕީއެސްއެމްގެ ބިލްތައް ދެއްކުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު 12 މިލިއަން ރުފިޔާ ދިންނަމަވެސް އެފަހަރު ދައްކާފައިވަނީ އަށް މިލިއަން ރުފިޔާ ކަމަށާއި، ބާކީ ހަތަރު މިލިއަން ރުފިޔާ މިހާތަނަށްވެސް ދައްކާފައިނުވާކަމަށެވެ.
ޕީއެސްއެމުން ކަރަންޓް ބިލްތައް ނުދައްކައިގެން މީގެކުރިން އެތައް ފަހަރަކު ސްޓެލްކޯއިން ވަނީ އެކުންފުންޏަށް ކަރަންޓް ކަނޑާލާނޭކަމުގެ އިންޒާރުދީފައެވެ.
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ބޮޑު އަދަދެއް ޕީއެސްއެމަށް ލިބޭއިރު، އެކުންފުންޏަކީ އިޝްތިހާރުތަކާއި، އެކިއެކި އުފެއްދުންތައް ވިއްކައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ ކުންފުންޏެކެވެ.