ވައިގެ މަގުން ރާއްޖެ ގެނައި 10 ކިލޯ ޑްރަގު އަތުލައިގެންފި، އަގު 12 މިލިއަނަށް އަރާ

ވައިގެ މަގުން ރާއްޖެ އެތެރެކުރި 10 ކިލޯ މަސްތުވާތަކެތި --- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރި 10 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އެތަކެތީގެ މަގުމަތީގެ އަގު 12 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފިއެވެ.

ކަސްޓަމްސް އިން އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ދުބާއީން ރާއްޖެ އައި ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 48 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.

އޭނާގެ ލަގެޖު ކަސްޓަމްސްއިން ޗެކް ކޮށްފައިވަނީ މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކު ކުރެވިގެން ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.002 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,000,000.00 (ބާރަ މިލިއަން) ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ ވަރަށް އާންމު ކަމެކެވެ. އާއްމުކޮށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެ ކުރަނީ ކަނޑު މަގުންނެވެ.

comment ކޮމެންޓް