ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ބޭނުންވާ ސިފަތަކުން މިސާލުދެއްކުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މުދައްރިސުންނަށް އިލްތިމާސްކުރައްވައިފިއެވެ.
މުދައްރިސުންގެ ދުވަހު ދެއްވި ޚިޠާބުގައި މިނިސްޓަރު މިއަދު ވިދާޅުވީ ބައެއް މީހުން ކުރިއަރައިދާ އެންމެ ބޮޑު ސަބަބަކީ އެމީހުންނާ ދިމާވާ މުދައްރިސުން ކަމަށެވެ.
މުދައްރިސް ކަމަކީ އެކަމުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ މަތިވެރި އަދި ގަދަރުވެރި މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވިއެވެ.
މުދައްރިސުންނަށް މުހާތަބުކުރައްވައި މިނިސްޓަރު ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ތަރައްގީވާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.
"އިހުގައި ޗޯކު ބޯޑުން ފުދުނު ކަމުގައިވިޔަސް އަދުގެ ދަރިވަރުން ބޭނުންވަނީ ފަންނުވެރިކަމާ، ޓެކްނޮލޮޖީއާ އުފެެންދުންތެރި ކަމުގެ ހުނަރު. އިހުގައި ކުލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައިވަނީ ޓެކްނޮލޮޖީގެ ވެއްޓެއްގައި،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދަރިވަރުންގެ ސަމާލުކަން ހޯދުމަށް މުދައްރިސުން ވާދަކުރަން ޖެހިފައިވަނީ ތަފާތު ކުލަތައް އަަރައިފައިބަމުންދާ ސްކްރީނުތަކާ ކަމަށެވެ.
ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ މުދައްރިސުން ކަމަށާއި އެކަން ވަނީ މުދައްރިސުން ކަށަވަރުކޮށްދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އުނގެނުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ކުރިމަތިވިއިރު ކުލާހުގެ ހަތަރު ފާރުން ބޭރުން ގެއަށް ފިލާވަޅުތައް ގެނެސްދިނުމަށް މުދައްރިސުން އިސްނަގައިގެން ކުރި މަސައްކަތް އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އާއިޝަތު ވިދާޅުވީ ޔުނެސްކޯއިން މިފަހަރު މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ކަނޑައެޅި ޝިޔާރަކީވެސް ކޮވިޑުގެ ދަތި ހާލުގައި މުދައްރިސުން ވި ގުރުބާނީ އަގުވަޒަން ކުރުން ކަމަށެވެ.
މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރަކީ "އާދެ! ތައުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށާނީ މުދައްރިސުންނާ ހަމައިންނެވެ." މި ޝިޔާރެވެ.
މިނިސްޓަރު ވިދާޅުވީ އަބަދުވެސް ބޭނުމަކީ މުދައްރިސުންނަކީ އިލްމު އުފައްދައި ކިޔަވައިދެވޭ ތަކެއްޗާ މެދު ފިކުރު ހިންގައި ރިވެލިކޮށް، އަހަރުން އަހަރަށް ފިލާވަޅުތައް ކުރިއަރުވައި، ދަރިވަރުންނާ ގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމުގައި ބައިވެރިވެވޭ ފަދަ އިލްމާއި ހުނަރު ލިބިފައިވާ ބަޔަކަށްވުން ކަމަށެވެ.
ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މައުނަވީ ބަދަލެއް ތަންފީޒުކުރާ ފަރާތަކީ މުދައްރިސުން ކަމަށާއި ގައުމު ގެންދަން ބޭނުންވާ މިސްރާބު އަމާޒުކުރާ ހަގީގީ ފަރާތަކީ މުދައްރިސުން ކަމަށް ޑރ. އާއިޝަތު ވިދާޅުވިއެވެ.
"އެއީ އަތޮޅިވެރީންނަށް ހިއްޕެވޭނީ ވަލުގައޭ، ބާރުލާނީ ރައްޔިތުންނޭ ބުނާ ބީދައިން،" އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އެފަދަ ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައިވާ ބަޔަކު ވިސްނަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ދަރިވަރުން އުނގެނޭ ތަކެތި ބިނާ ވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫން ކަމަށާއި މުދައްރިސުންގެ ސުކޫލަކާއި ދަރިވަރުނާއި މުޖުތަމައުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި މީހުންނާ މުއާމަލާތު ކުރާ ގޮތަކުން ވެސް ދަރުވަރުން މިސާލު ނަގާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު ދަރިވަރުންގެ ދިރިއުޅުމުގައި އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަން ކުރާ ފަރާތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން ނަމޫނާ ދެއްކުމަށް މިނިސްޓަރު ވަނީ ހުރިހާ މުދައްރިސުންނަށް ވެސް އިލްތިމާސްކުރައްވައިފައެވެ.
އެގޮތުން ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިޙުތިރާމުކުރުމާއި އިގްތިސޯދު ކުރުން ފަދަ އުޅުންތަކުން ފޭރާންލުން މުހިންމު ކަމަށާއި މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް ދަރިވަރުން ފަރާތުން ފަހަކުން ނުފެންނާނެ ކަމަށް ޑރ. އާއިޝަތު ވިދާޅުވިއެވެ.
މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހެވެ. މިއަދު އެކި ސުކޫލުތަކުގައި މުދައްރިސުން ގެ ދުވަސް ދަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.