ޗައިނާގެ ޓުކުރިއެއް އަށް މިލިއަން ޑޮލަރަށް ވިކިއްޖެ

އަށް މިލިއަން ޑޮލަރަށް ވިކުނު ޓުކުރި--

ޗައިނާގެ ސަގާފީ ޑިޒައިންތައް ބޭނުންކޮށްގެން ތައްޔާރުކުރި ޓުކުރި އެއް 8.8 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.

ޗައިނާގެ ޓިއަންކިއުޕިން ނަމަކަށް ކިޔާ ޒާތުގެ ޓުކުރި ވިކިފައިވަނީ ބޮޑު ނީލަމެއްގެ ތެރެއިންނެވެ. ޕެރިސް ކައިރީ އޮންނަ ފޮންޓެއިންބްލޫގައި ކުރިއަށް ގެންދިޔަ ނީލަމުގައި އެހާ ބޮޑު އަދަދަކަށް ޓުކުރި ވިއްކާލިއިރު އެއީ އާންމު މީހެއް ހަދާފައިވާ އެއްޗެކެވެ.

އެ ޓުކުރީގެ އަސްލު އަގަކީ 2،000 އެމެރިކާ ޑޮލަރެވެ. ނަމަވެސް ނީލަމަށް ލުމުން ގިނަ އަދަދެއްގެ މަހުޖަނުން އެ ޓުކުރި ކަމުގޮސްގެން ގަންނަން ބޭނުންވިއެވެ. އެންމެފަހުން އެ ވިކިފައިވަނީ 8.8 މިލިއަން އެމެރިކާ ޑޮލަރަށެވެ.

ވަށްކޮށް އިންނަ އެ ޓުކުރިއަށް ޓިއަންކިއުޕިން ކިޔާފައިވަނީ އެ އިންނަ ގޮތުންނެވެ. އެ ޓުކުރި ޒީނަތްތެރި ކޮށްފައިވަނީ ޑްރެގަންތަކާއި ވިލާތަކުންނެވެ.

އެ ނީލަން ހިންގި ގްރޫޕުގެ އިސްފަރާތް ކަމަށްވާ ޖޯން ޕިއޭ އޮސެނަޓް ބުނިގޮތުގައި އެ ޓުކުރި އާއެކު އެ ހެދި މީހާގެ ހަޔާތް އެއްކޮށް ބަދަލުވެގެން ދާނެއެވެ. މިއީ ދުވަހަކު ވެސް އާޓިސްޓު ހީކޮށްފައި ނުވާ ވަރުގެ ތަރުހީބެއް ކަމަށް އޮސެނަޓް ބުންޏެވެ.

އެ ޓުކުރި ގަނެފައިވަނީ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާ އަކީ އެތައް އަހަރެއް ވަންދެއް އަގުބޮޑު ޓުކުރިތައް އެއްކޮށް އުޅުނު މީހެއް ކަމަށް އޮސެނަޓް ބުންޏެވެ.

އޮސެނަޓް ބުނިގޮތުގައި ގާތްގަނޑަކަށް 400 އަށް ވުރެ ގިނަ މީހުން ވަނީ އެ ޓުކުރި ގަންނަން ބޭނުންވާ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

comment ކޮމެންޓް