އިނގިރޭސި އެފް އޭ ކަޕްގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަހޯދީ ފަސްވަނަ ބުރުގައި ލީޑްސް ޔުނައިޓެޑާ ރޭ ބައްދަލުކުރި މެޗު ތިން ލަނޑު ދެ ލަނޑުން ކާމިޔާބުކޮށްގެންނެެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުންވެސް ދާދި ހަމަހަމަކޮށް ބޯޅަ ގެންގުޅެފައިވާއިރު ގިނަހަމަލާ އުފައްދާފައިވަނީ ލީޑްސްއިންނެވެ.
މިމެޗުގެ ފެށުން ރަނގަޅުވީ ލީޑްސްގެއެވެ. މިގޮތުން ޗެލްސީގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލީޑްސްއިންވަނީ މެޗުގެ އަށް ވަނަ މިނެޓްގައި ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޓިއޯ ޖޯސެފްއެވެ. މިއީ ޖޯސެފް ލީޑްސްގެ ސީނިއާ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ނަމަވެސް ލީޑްސްއަށް މިލީޑު ދެމެހެއްޓޭވަރުވީ ހަ މިނެޓް ވަންދެނެވެ.
މެޗުގެ 15 ވަނަ މިނެޓުގައި މޯސެސް ކައިސޭޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިކޮލަސް ޖެކްސަންވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ޗެލްސީއިންވަނީ މެޗުގެ 37 ވަނަ މިނެޓްގައި މީހައިލޯ މުޑްރިކް ޖަހާދިން ލަނޑާއެކު މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ.
މިމެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުވެސް މޮޅަށް ކުޅެފައިވަނީ ލީޑްސްއިންނެވެ. މިގޮތުން މެޗުގެ 59 ވަނަ މިނެޓްގައި ޖޯސެފް ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު ލީޑްސް އިންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެޓީމުންވެސް އިތުރު ލަނޑެއް ޖަހައި މެޗު ކާމިޔަބު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެއަށް މާބޮޑު ކުރި އެރުމެއް ނުލިބި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތް ވުމުން އިތުރު ވަގުތު ކުޅެން ޖެހިދާނެކަމަށް ގިނަ ބަޔަކަށް ހީވިއެވެ. ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ޗެލްސީގެ ކޯނޯ ގެލެގާ ޖަހައިދިން ލަނޑާއެކު މިމެޗު އެޓީމުން ކާމިޔާބު ކުރިއެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަހޯދާފައިވާއިރު ކުއާޓާ ފައިނަލްގައި މިއަންނަ މާޗު މަހުގެ އަށް ވަނަ ދުވަހު ބައްދަލުކުރަނީ ޗެމްޕިއަންޝިޕްގެ ތާވަލްގެ އެއްވަނައިގާ އުޅޭ ލެސްޓާ ސިޓީއާއެވެ.
މެޗަށްފަހު ވާހަަކަ ދައްކަމުން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާގެ ޓީމުގެ ފެންވަރު ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް މިޓީމު އެއްކޮށް ހަމައަކަށް އަޅުވައި ވަރުގަދަ ޓީމަކަށް ހެދުމަށް އަދި ވަގުތު ބޭނުންވާ ކަމަށެވެ.
އޭނާ ބުނީ ޓީމަށް ކްލަބުން ކޮށްފައިވާ ހޭދައިގެ ސަބަބުން އެޓީމުގެ ސަޕޯޓަރުން ޓީމާ މެދު ކުރާ އުންމީދު އުޅެނީ ވަރަށް މަތީގައި ކަމަށާއި ނަމަވެސް ހަގީގަތަކީ ކޮންމެ ޓީމެއްވެސް ހަމައަކަށް އެޅުވުމަށް ވަގުތު ބޭނުންވާނެކަމެވެ.
ލީޑްސްގެ ކޯޗު ޑެނިއަލް ފާކްސް ބުނީ އޭނާގެ ކުޅުންތެރިން މިމެޗުގައި ދެއްކި ކުޅުމާ މެދު ފަހުރުވެރިވާކަމަށާއި މެޗުގެ ދެވަނަ ހާފުގައި ގިނައިރު ބޯޅަ ގެންގުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދާފައިވަނީ ލީޑްސްއިން ކަމަށެވެ. އަދި މިހާރު ހުރިހާ މަސައްކަތެއްވެސް ކުރާނީ، މިއަންނަ ސީޒަނަށް ޓީމު އިންގްލިޝް ޕްރިމިއާ ލީގަށް ޕްރޮމޯޓް ކުރުމަށް ކަމަށް އޭނާ ބުންޏެވެ.