ޕްރެސިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް 77 ބޭފުޅަކަށް

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް 77 ބޭފުޅަކަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދެއްވި މި އެވޯޑު ދެއްވާފައިވާ އެންމެ ޚާއްސަ ތިން ބޭފުޅުންނަކީ ރާއްޖޭގައި ފަތުރުވެރިކަން ފައްޓަވައިދެއްވުމަށް ޚާއްސަ މަސައްކަތެއް ކުރެއްވާ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކޮށްދެއްވި ތިން ބޭފުޅުންކަަމަށްވާ މުހައްމަދު އުމަރު މަނިކާއި، ހުސައިން އަފީފްގެ އިތުރުން އަހްމަދު ނަސީމެވެ.

ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުން އެ ބޭފުޅުންގެ ވެރިކަމުގައި ފަތުރުވެރިކަމަށް ކޮށްދެއްވި ޚިދުމަތް ފާހަގަކުރައްވާ އެ ބޭފުޅުންނަށް ވެސް ރައީސް ވަނީ އެވޯޑު ދެއްވާފައެވެ. އެގޮތުން އެވޯޑްފޯދަ ވެލިއުބަލް ކޮންޓްރިބިއުޓަން އިން ދަ އިންސެޕްޓަން އޮފް ޓުއަރިޒަމްގެ ނަމުގައި ރައީސް އަލްމަރުހޫމް އިބްރާހީމް ނާސިރުއަށް އެވޯޑު ދީފައި ވަނީ، 1972ވަނަ އަހަރު ފަތުރުވެރިކަން ފައްޓަވައިދެއްވުމަށް ނިންމެވި މުހިންމު ނިންމެވުން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

އެވޯޑްފޯދަ ވެލިއުބަލް ކޮންޓްރިބިއުޓަން އިން އެސްޓަބްލިޝިން މޯލްޑިވްސް އޭސް އަ ގްލޯބަލް ބްރޭންޑްގެ ނަމުގައި ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެވޯޑު ދެއްވާފައި ވަނީ، ދުނިޔޭގެ ގްލޯބަލް ބްރޭންޑަކަށް ރާއްޖެ ހެދުމުގައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދީފައިވާ އެއްބާރުލުން ފާހަގަކުރުމުގެ ގޮތުންނެވެ.

ޗަންޕާ ޙުސައިން އަފީފަށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ރައީސް ޞާލިޙް ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސް މުހައްމަދު ނަޝީދަށް އެވޯޑު ދެއްވާފައި ވަނީ އެވޯޑްފޯދަ ވެލިއުބަލް ކޮންޓްރިބިއުޓަން އިން ދަ އިންސެޕްޓަން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް އިން ދަ މޯލްޑިވްސްގެ ނަމުގައެވެ. އެއީ 2010ވަނަ އަހަރު ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރި އާ ހަރުފަތަކަށް ގެންދަވާ އެ ސިޔާސަތުގެ ދަށުން ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާތީ އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުތަކަށް ވެސް ވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ދެއްވާފައެވެ. އެގޮތުން މި އެވޯޑު ހާސިލްކުރެއްވި ބައެއް ބޭފުޅުންނަކީ:

  • ގާސިމް އިބްރާހީމް: ގާސިމް ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަދެވަޑައިގަތީ 1981ވަނަ އަހަރުއެވެ. ގާސިމް ފާހަގަކުރެވެނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް އެންމެ އެނދު ގިނަ ރިސޯޓެއް ހެއްދެވި ފުރަތަމަ ބޭފުޅާގެ ގޮތުގައެވެ.
  • ޗަމްޕާ މުހައްމަދު މޫސާ (އުއްޗު): އުއްޗު ފާހަގަކުރެވެނީ އާދައިގެ ގޮތަކަށް ފެއްޓެވި ވިޔަފާރި، ދިވެހި ރާއްޖޭގައި އެންމެ ކާމިޔާބު ވިޔަފާރިއަށް ހެއްދެވި ބޭފުޅާގެ ގޮތުގައެވެ.
  • ނައިބު ރައީސް ފައިސަލް ނަސީމް: އުމުރުން 17 އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެން، ޒުވާނުން ބިނާކޮށް ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާފައިވެއެވެ.
  • އަޙްމަދު ސިޔާމް މުޙައްމަދު: ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެން، މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ސިޔާމް ވަނީ ހޯއްދަވައިފައެވެ.

މުޙައްމަދު އުމަރު މަނިކަށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ރައީސް ޞާލިޙް ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ވެސް މިރޭ ބޭއްވި ގާލާ ނައިޓުގައި ވަނީ ފަތުރުވެރިކަމަށް އެކި ގޮތްގޮތުން ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑު ދެއްވާފައެވެ.

comment ކޮމެންޓް