އޭލެވެލް އިމްތިހާނު މިއަދު ފަށައިފި

އެކި ސްކޫލްތަކުގެ ދަރިވަރުން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.

އޭލެވެލް އިމްތިހާނުގެ ތެރެއިން މިއަދު ފަށާފައިވަނީ މަތީ ސާނަވީގެ އިސްލާމް، ދިވެހި އިމްތިހާނެވެ. އެޑެކްސެލް އޭލެވެލް އިމްތިހާން ފަށާނީ އަންނަ ހޯމަ ދުވަހުއެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން މިއަދު "ސަން"އަށް ބުނީ ރާއްޖޭގެ 40 ސެންޓަރެއްގައި އޭލެވެލް އިމްތިހާން ކުރިއަށްދާނެ ކަމަށެވެ. އޭގެ ތެރެއިން 36 ސެންޓަރެއް އަތޮޅު ތެރޭގައި ހުންނައިރު މާލޭގައި ހުންނާނީ ހަތަރު ސެންޓަރެއް ކަމަށް ޑީޕީއީން ބުންޏެވެ.

މިއަދު ފެށި އެޗްއެސްސީ އިމްތިހާނު 1299 ދަރިވަރުން ހަދާއިރު މިފަހަރު ޖުމުލަ 2785 ދަރިވަރަކު އެޑެކްސެލް އިމްތިހާނު ހަދާ ކަމަށް ޑީޕީއީން ބުންޏެވެ.

އޭލެވެލް އިމްތިހާނު މިއަދު ފަށާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެޑެކްސަލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި އަންނަ އަހަރު ކޭމްބްރިޖް އިންޓަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް މި އަހަރު އޭލެވެލް ފަށާ ކުދިން ހަދާނީ އެޑެކްސެލް އިމްތިހާނެވެ.

comment ކޮމެންޓް