ބޯހިމެނުން: މާލެ ސަރަހައްދުގައި މައުލޫމާތު ނުލިބޭ 900 ތަން އެބަހުރި

ބޯހިމެނުމުގެ މަސައްކަތް ކުރުމުގެ ތެރެއިން--- ފޮޓޯ/ ސެންސަސް 2022

ބޯހިމެނުމުގެ ފީލްޑް މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނިންމާލާފައި ވީނަމަވެސް މާލެ ސަރަހައްދުގައި މައުލޫމާތު ނުލިބޭ 900 އެއްހާ ތަން އަދިވެސް އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބިއުރޯއިން އެފަދަ ތަންތަނުގެ މީހުންނާ ގުޅޭގޮތް ވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އޭގެ ތެރޭގައި ތަޅުލާފައިހުރުން، ގުޅޭނެގޮތް ނުވުން، މައުލޫމާތު ދެވޭވަރު މީހަކާ ދިމާނުވުން، ރަށުން ބޭރުގައި ވުން، އެޕޮއިންޓްމަންޓް ދެވި އެގަޑިތަކަށް ޓީމްތަކަށް ނުދެވިހުރުން ފަދަ ސަބަބުތައް ހިމެނޭ. އަދި އެތަންތަނުގެ ތެރޭގައި ބޭނުންނުކުރާ ތަންތަނާއި މީހުން ދިރިނޫޅޭ ތަންތަން ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް." ބިއުރޯގެ ބަޔާނުގައި ވެއެވެ.

ބިއުރޯއިން ވަނީ ބޭނުން ނުކުރާ ތަންތަން ވީ ވަރަކުން ފާހަގަކޮށް އެ ބިއުރޯއަށް އެކަން އަންގައިދިނުމަށް އާންމުންގެ ކިބައިން އެދިފައެވެ. އަދި ބޯހިމެނިފައި ނުވާ މީހުންނާއި ތަންތަނުން ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ ޓެލެފޯން ނަންބަރަށް ގުޅުމުން އެ ފަރާތްތަކުގެ މައުލޫމާތު ނެގުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ވެސް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފައިވެއެވެ.

"ބިއުރޯގެ ވެބްސައިޓުގައިވާ ފޯމު މެދުވެރިކޮށް ބޯހިމެނިފައި ނުވާ ގޭބިސީތަކާއި ރެޖިސްޓާ ކޮށްގެން އިގްތިޞާދީ މަސައްކަތް ހިންގާ ތަންތަނުން ބިއުރޯއަށް އަންގާލުމުން ވެސް އެ ފަރާތްތަކުގެ ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަ ކުރުމުގެ އިންތިޒާމު ހަމަޖައްސަމުން ދާނެ." ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ އިންޑަސްޓްރިއަލް ބޭނުންތަކަށް ބޭނުންކުރާ ބައެއް ރަށްރަށަށް ގުޅޭނެ ގޮތެއް ނެތިގެން އެތަންތަނުގައި އުޅޭ މީހުން ބޯހިމެނުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ވުމާއެކު އެފަދަ ތަންތަނާ ހަަވާލުވެތިބި ފަރާތްތަކުން ބިއުރޯގެ ހޮޓްލައިންނަށް ގުޅުމަށް އެދޭ ކަމަށް ބިއުރޯގެ ބަޔާނުގައި ވެއެވެ.

ސްޓެޓިސްޓިކްސް އިން ބުނީ ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިމަހުގެ ހަ ވަނަ ދުވަހު ނެރުމަށް ކުރިން ތާވަލު ކުރެވިފައިވީ ނަމަވެސް އޭގެ ބަދަލުގައި ދާއިމީ ނަތީޖާ މިމަހުގެ 20 ވަނަ ދުވަހު ނެރޭނެ ކަމަށެވެ.

ބޯހިމެނުމަށް އާންމުން އެއްބާރުލުން ދިން ނަމަވެސް އަދިވެސް ވަންނަން އުނދަގޫ އަދި ނުވަދެވޭ ގޭގެ ހުންނަ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން މީގެ ކުރިން ބުނެފައިވެއެވެ.

https://sun.mv/168371

ސްޓެޓިސްޓިކްސް ބިއުރޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ބޯހިމެނުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ބައެއް ގޭގެއަށް ދާއިރު އެ ގޭގޭގައި ހުންނަ ސެކިއުރިޓީ ވަރުގަދަ ދޮރުތަކުން އެތެރެއަށް ވަންނަން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އޭގެ ސަބަބުން އެ މުވައްޒަފުންނަށް ލިބެން ޖެހޭ މުހިއްމު ގިނަ މައުލޫމާތުތައް ނުލިބި އެނބުރި އަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޯހިމެނުގެ މަސައްކަތުގެ ތެރެއިން އެއްކުރާނެ މައުލޫމާތުގެ ތެރޭގައި ކޮންމެ ރަށެއްގައި ދިރިއުޅޭ ދިވެހީންނާއި ބިދޭސީންގެ އަދަދާއި އާބާދީ އިތުރުވާ މިންވަރާއި އުމުރުފުރާތަކަށް އަންނަ ބަދަލާއި މީހުން ހިޖުރަ ކުރާ މިންވަރާއި މަސައްކަތު އާބާދީ ހިމެނެއެވެ. އަދި އެ ސާވޭގެ ތެރެއިން، ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ވެސް ދެނެގަންނާނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، ބޮޑު ހަނގުރާމައިގެ ދުވަސްވަރު މެދުކެނޑުމެއްއައެވެ. އޭގެ ފަހުން ބޯހިމަނަން ފެށީ 1946ގައެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ސާވޭ 2014 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު އޭގެން ދެއްކި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.

comment ކޮމެންޓް