ބޯހިމަނަން ގޮސް ގެއަށް ނުވަދެވި އަނބުރާ ދާން ޖެހޭ މައްސަލަ ބޮޑުވެއްޖެ

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން-- ފޮޓޯ: ސްޓެޓިސްޓިކްސް

ބޯހިމެނުމަށް އާއްމުން އެއްބާރުލުން ދިން ނަމަވެސް އަދިވެސް ވަންނަން އުނދަގޫ އަދި ނުވަދެވޭ ގޭގެ ހުންނަ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން މިއަދު ބުނެފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ބޯހިމެނުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ބައެއް ގޭގެއަށް ދާއިރު އެ ގޭގޭގައި ހުންނަ ސެކިއުރިޓީ ވަރުގަދަ ދޮރުތަކުން އެތެރެއަށް ވަންނަން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އޭގެ ސަބަބުން އެ މުވައްޒަފުންނަށް ލިބެން ޖެހޭ މުހިއްމު ގިނަ މައުލޫމާތުތައް ނުލިބި އެނބުރި އަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބައިވަރު ގޭގޭ ހުންނަނީ ލޮކް ކޮށްފަ. ސޭފްޓީއަށް ޓަކައިވެސް ބައެއް ގޭގޭގެ ހުންނަނީ ތިރިން ވެސް ނުވަދެވޭ ގޮތަށް. އެހެންވެ އަސްލު ވަރަށް އުނދަަގުވޭ. ކޮމިއުނިކޭޓް ކުރަން ވެސް،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޯހިމަނަން ގެތަކަށް ދާ މުވައްޒަފުންނަށް ފަސޭހައިން ވަދެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނާއި ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން މީގެ ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

ނަމަވެސް މިހާރު މާލެ ސަރަހައްދުގައި އެ މުއްދަތު ވަނީ މިމަހުގެ 27އާ ހަމައަށް އިތުރުކޮށްފައެވެ.

https://sun.mv/168257

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މާލެ ސަރަހައްދުގައި އެ މުއްދަތު އިތުރު ކޮށްފައިވަނީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ފެށި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ އެނިއުމަރޭޓަރުންގެ އަދަދު 4،300އަށް އަރައެވެ. އެ މީހުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ގެތަކަށް ވަދެ މައުލޫމާތު އެއްކުރަމުންނެވެ.

ބޯހިމެނުގެ މަސައްކަތުގެ ތެރެއިން އެއްކުރާނެ މައުލޫމާތުގެ ތެރޭގައި ކޮންމެ ރަށެއްގައި ދިރިއުޅޭ ދިވެހީންނާއި ބިދޭސީންގެ އަދަދާއި އާބާދީ އިތުރުވާ މިންވަރާއި އުމުރުފުރާތަކަށް އަންނަ ބަދަލާއި މީހުން ހިޖުރަ ކުރާ މިންވަރާއި މަސައްކަތު އާބާދީ ހިމެނެއެވެ. އަދި އެ ސާވޭގެ ތެރެއިން، ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ވެސް ދެނެގަންނާނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، ބޮޑު ހަނގުރާމައިގެ ދުވަސްވަރު މެދުކެނޑުމެއްއައެވެ. އޭގެ ފަހުން ބޯހިމަނަން ފެށީ 1946ގައެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ސާވޭ 2014 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު އޭގެން ދެއްކި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.

comment ކޮމެންޓް