ބަޓާ ޗިކަން އައިސްކްރީމް: އޯކާ ދެމޭހާ މީރު

ކާތަކެތީގައި އެކި ކަހަލަ އެކްސްޕެރިމެންޓު ކުރުމަކީ މިހާރު ސޯޝަލް މީޑިއާގައި ވަރަށް ކުރާ ކަމެކެވެ. ބައެއް މީހުންނަށް މިކަހަލަ އެކްސްޕެރިމެންޓުތަކުން ކަމުދާ އެއްޗެއް ލިބޭއިރު ބައެއް މީހުން ތިބެނީ ފަކުރުން ވީޑިއޯތައް ބަލަންވެސް ނުކެރިފައެވެ. މެގީ ނޫޑުލްސްގެ އައިސްކްރީމް އާއި މަސާލާ ދޯސާ އިންވެސް އައިސްކްރީމް ހަދައިފިއެވެ. މިފަހަރުވެސް މިއޮތީ އެފަދަ ތަފާތު އެއްޗެކެވެ.

އިންސްޓަގްރާމް ފުޑް ބްލޮގާ 'ފުޑްވުޑްއިންޑިއާ' އިން ޕޯސްޓުކުރި ވީޑިއޯގައި ފެންނަނީ ބަޓަރޗިކަން އިން އައިސްކްރީމް ހަދާ މަންޒަރެވެ. ބަޓަރ ޗިކަން އަކީ އިންޑިއާގެ އުފެއްދުމެއް ނަމަވެސް މިއީ ދުނިޔޭގައި ވެސް ގިނަ ބަޔަކަށް ކަމުދާ ޑިޝްއެކެވެ.

ވީޑިއޯގައި ފެންނަނީ ބަޓަރ ޗިކަން ޕިއުރީ އިން އައިސްކްރީމް ހަދައި ތައްޓަކަށް ލުމަށްފަހު އޭގެ މައްޗަށް ކުޅި ރަހައެއް ލެއްވުމަށް ޗަޓްނީ އަޅާ މަންޒަރެވެ. ވީޑިއޯ ޕޯސްޓުކުރުމާއެކު ލައްކައެއްހާ މީހުން އެ ވީޑިއޯ ބަލާފައިވެއެވެ. އެހެންނަމަވެސް، ވީޑިއޯ އަށް ލިބިފައި ހުރި ކޮމެންޓުތަކުން ގިނަ ބަޔަކަށް މި އުފެއްދުން ކަމުދިޔަ ކަމަކަށް ނުވިއެވެ. 'އެންމެ ފަހުން މީގެންވެސް އައިސްކްރީމް ހަދައިފި' ފަދަ ކޮމެންޓުތަކުން ކޮމެންޓު ސެކްޝަން ވަނީ ފުރާލާފައެވެ.

ބަޔަކަށް ކަމުނުދިޔަސް، ތަފާތު އެއްޗެއް ޓްރައި ކޮށްލުމަށް ބޭނުންވާ މީހުންވެސް މި ވީޑިއޯ އަށް ފަހު ތިބިކަން ކޮމެންޓުތަކުން އެނގެއެވެ.

comment ކޮމެންޓް