އަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި ޖަމާލުއްދީން ސްކޫލަށް އިތުރުކުރާ އިމާރާތް ޑިޒައިން ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާއިރު އެޑިއުކޭޝަނުން ބުނީ އެ މަޝްރޫއަކީ މި އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮމްޕެނީ ސެކްރެޓަރީ އިބްރާހިމް ނިހާދު އެވެ. އެ މަޝްރޫއަކީ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ، 168 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އުއްމީދަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ދެ ސްކޫލުގެ މަސައްކަތް ވެސް ނިމި، 2024 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު އެ އިމާރާތްތައް ބޭނުން ކުރަން ފެށުން ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ ޖަމާލުއްދީން ސްކޫލަށް އިތުރުކުރާ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބައު ޖަމާލުއްދީން ސްކޫލް ތަޅާ، ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި މި ފެށޭ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހަށް އެތަން އެއްކޮށް ސާފުކޮށް މިނިސްޓްރީއާ ހަވާލު ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި 40 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލާއި ހަތަރު ލިފްޓު ހުންނާނެއެވެ. އަދި ޖަމާލުއްދީން ސްކޫލަށް އިތުރުކުރާ އިމާރާތުގައި 34 ކްލާސްރޫމާއި، ދެ ލިފްޓް އަދި ފާހަނާ ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދެ ސްކޫލްގެ މުވައްޒަފުންގެ ވެހިކަލްތައް ޕާކު ކުރުމަށް ޕާކިން އޭރިއާއެއް ހެދުމަށް ޑިޒައިންގައި ހިމަނާނެ ކަމަށެވެ.
އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އެ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖު ކުރިއެވެ.
އެ އިހުތިޖާޖުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ އަރަބިއްޔާގެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.
އޭގެ ފަހުން، އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ނިންމެވިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކުރެއްވިއެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ވަގުތީ ގޮތުން ކިޔަވަމުން ގެންދަނީ ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައެވެ.