އެއްގަމުގައި ދުއްވާ އިންޖީނުލީ ވެހިކަލްތަކުގެ ނަންބަރު ބޯޑް ހުންނަން ޖެހޭ ކަމަށް ގަވައިދުގައި ބުނާ އުސޫލަށް އަމަލު ކުރަން ފަށައި އުސޫލާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކަމާ މެދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ފަހަކަށް އައިސް ހަދައިފައި ހުންނަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފަށް ކަމަށް، މިދިޔަ ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.
އެ ގަވާއިދުގައިވާ ގޮތުން އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށް ފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާ، ނުވަތަ ރަޖިސްޓްރާ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ގަވާއިދުގައި ފާހަގަކޮށްފައިވާ ގޮތަށް ހަރުކުރުމަށް ފަހުއެވެ.
ހަމައެއާއެކު ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުން ކަމަށްވާއިރު ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެ ގޮތް ވެސް ކުރެހުމާ އެކު އެ ގަވާއިދުގައި ހިމަނާފައިވެއެވެ.
ނަންބަރު ބޯޑު ހަރުކުރުމަށް ޖަަހައިފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ ވެސް މަނާކަމެކެވެ.
ހަމައެއާއެކު ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެއްގެ ގޮތުގައި އެ ގަވައިދުގައިވެއެވެ.
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.
ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ.
ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ކަމަށް ވާއިރު އެ ނޫން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.
އެ ނޫން ކުލަތަކާއި ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.
އެ ގަވައިދުގައި ބުނާ އުސޫލުތަކާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކާމެދު ފިޔަވަޅު އަޅައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށާނެ ކަމަށް ފުލުހުން މި މަހުގެ 21ވަނަ ދުވަހު ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅުކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން ފުލުހުން އާންމުންނަށް ނަސޭހަތް ދޭނެ ކަމަށެވެ.
އޭގެ ފަހުން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.