ފުލުހެއްގެ ޓީޝާޓުގައި ހިފި މީހަކު 7000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ: އެތަނުގައި ހުރި މީހަކު ފުލުހެއްގެ ޓީޝާޓުގައި އަތްލުމުން ވަނީ ޖޫރިމަނާ ކޮށްފައި -- ފޮޓޯ: ގޫގުލް

ދުނިދޫ ޖަލުގައި ހުރި މީހަކު ފުލުހެއްގެ ޓީޝާޓުގައި ހިފުމުން ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެ، 7200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ 2017 ވަނަ އަހަރުގެ މާޗް 30 ވަނަ ދުވަހުގެ ރޭ 10:30 ހާއިރުއެވެ.

ދޫނިދޫ ޖަލުގެ ސީ ބްލޮކްގެ 21 ނަންބަރު ގޮޅީގައި ބަންދުކޮށްފައިހުރި އެ މީހާ ގޮޅިން ބޭރަށް އަތް ނެރެ އަތަނުގައި ހުރި ފުލުހެއް ލައިގެން ހުރި ޓީޝާޓުގެ ކަރުގައި ހިފިކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

އެ ދައުވާއަށް އޭނާ އިންކާރު ކުރުމުން ދައުލަތުން ވަނީ ތިން ފުލުހެއް ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި އެ ތިން ފުލުހުން ވެސް ވަނީ އޭނާ އެކަން ކުރި ކަމަށް ބުނެ ހެކިބަސް ދީފައެވެ.

އެއަށްފަހު އޭނާ ވަނީ އެ ކުށަށް އިއުތިރާފްވެ ފުލުސް މީހާގެ ކިބައިން މައާފަށް ވެސް އެދިފައެވެ. އެކަން ކުރެވުނީ ރުޅި އައިސްފަ ހުރުމުން ކަމަށް ބުނެ ކުށާމެދު ދެރަވާ ކަމަށް ވެސް އޭނާ ވަނީ ފަހުން ކޯޓުގައި ބުނެފައެވެ.

އެހެންކަމުން ދައުލަތުން އުފުލި ގައިގާ އަތްލުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ހުކުމް ކުރެއްވިއެވެ. އަދި ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށް 15 ދުވަސް ތެރޭގައި 7200 ރުފިޔާ ދައުލަތަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް