އެމްއެންޑީއެފްގެ ގައުމީ ލަވަ އަލްބަމް "ދިވެހިރާއްޖެ" ނެރެފި

ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ގައުމީ ލަވަ އަލްބަމްގެ މި އަހަރުގެ އަލްބަމް މިއަދު ނެރެފިއެވެ.

ޖުމުލަ ހަތް ލަވަ ހިމެނޭ މި އަހަރުގެ ގައުމީ ލަވަ އަލްބަމް ހާއްސަ ކޮށްފައި ވަނީ 'ދިވެހިރާއްޖެ' އެ ތީމަށެވެ.

އެމްއެންޑީއެފުން ބުނީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމުގައި ވެސް ގައުމީ ރޫހާއި ގައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭނެ ކަމަށެވެ. އެގޮތުން އެ އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ގައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައި ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ އަލްބަމަށް ޅެން ހެދީ ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރާއި ކޮމާންޑް ސާޖަންޓް މޭޖާ ޢަބްދުﷲ ސައީދާއި ޕްރައިވެޓް މުޙައްމަދު މާހިދު (މާޓު)އާއި ޖައުފަރު އަބްދުއްރަހްމާނާއި އާދަމް ނަސީރު އިބްރާހީމާއި ފާތިމަތު ޝަރީފާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.

އެ އަލްބަމަށް ރާގު ހެދީ ލެފްޓިނެންޓް ކާނަލް އަލީ މަނިކު (ދާރީ)އާއި ވޮރަންޓް އޮފިސަރު 2 ޔޫސުފް ޝިމާޒާއި ވޮރަންޓް އޮފިސަރު 1 އަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)އާއި ވޮރަންޓް އޮފިސަރު 1 ފަޠުހުﷲ ޝަކީލް ޙުސައިންއާއި ސްޓާފް ސާޖަންޓް އިބްރާހީމް އާސިފާއި ޕްރައިވެޓް މުޙައްމަދު މާހިދު (މާޓު)އާއި ޑީޓިއުން ބޭންޑެވެ.

އެމްއެންޑީއެފުން ބުނީ އެއީ ލައިވް ކޮންސެޕްޓަކަށް އެފަދަ އަލްބަމެއް ހެދި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ އަލްބަމްގެ ރެކޯޑިންއާއި މިކްސިން އާއި މާސްޓަރިން ހެދުމުގައި އެންމެ އިސް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ވޮރަންޓް އޮފިސަރު 1 ފަތުހުﷲ ޝަކީލް ހުސައިން ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.

އެ އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިން ސާވިސްއާއި ލެފްޓިނެންޓް ރިޓަޔާޑް އަޝްހަރު ވަހީދާއި ވޮރަންޓް އޮފިސަރު 2 އިބްރާހީމް އަހުމަދެވެ.

އެ އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލުން ފެންނަން ހުންނާނެއެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

comment ކޮމެންޓް