ހުޅުމާލޭ ދެވަނަ ފިޔަވަހިން ޒުވާނަކު ގެއްލިގެން ހޯދާތާ މިއަދަށް ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފުލުހުން އެންމެ ފަހުން ބުނެފައިވަނީ އޭނާ އެންމެ ފަހުން ފެނުނު ކަމަށް މިހާތަނަށް އެނގިފައި ވަނީ ހުޅުމާލޭ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށެވެ.
ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން, ގެއްލިގެން ރިޕޯޓުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. އޭނާ ގެއްލުނު ދުވަހު ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެސްޓްހައުސް އިން ހިޔާ ޓަވަރު 13, އަށް ދިޔުމަށް ފަހު އަނބުރާ ގެސްޓްހައުސްއަށް ޓެކްސީއަކުން އައިސްފައިވާކަން ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުން ބުނީ ވައިގެ މަގުން އޭނާ ދަތުރުކޮށްފައި ނުވާކަމަށެވެ. އަދި, އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ މައުލޫމާތު ހާމަވަމުން އައިއިރު ފާހަގަވީ އެއް ކަމަކީ ދެވަނަ ފިޔަވަހީގައި މީހެއްގެ ހަރަކާތްތައް ދެނެގަތުމުގައި ހުރި ދަތިތަކެވެ. އަޒުހާން ޓެކްސީގައި ކުރި ދަތުރު ދެވަނަ ފިޔަވަހީގެ ހިސާބަކަށް ނިމުނު ނަމަ، އެ މައްސަލައިގައި މިހާރު ލިބިފައިވާ ވަރަށް ވެސް ކުރިއެރުމެއް ލިބުމުގެ ފުރުސަތު ކުޑައެވެ.
މީހުން އާބާދުވި އިރު ވެސް އަސާސީ ގިނަ ވަސީލަތްތަކެއް ގާއިމުވެފައި ނެތް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުގައި އަދިވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައެއް ނެތެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި، އެހެނިހެން ކުށްތައް އިތުރުވެ، ހިޔާ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ މޭ މަހުއެވެ. އެ ސަރަހައްދުން މީހަކު ގެއްލުނަސް، ނުވަތަ އެއަށްވުރެ ހިތާމަވެރި ހާދިސާއެއް ހިނގިޔަސް ފުލުހުންގެ ތަހުގީގަށް ބޭނުންކުރެވޭނެ ހަމައެކަނި ސެކިއުރިޓީ ފުޓޭޖް ލިބެން ހުރި ކެމެރާތަކަކީ އެއީއެވެ.
ހަނދާނަށް އަންނަނީ މީގެ 10 އަހަރު ކުރިން މުޅި ގައުމު ސިއްސުވާލި، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ހިންގި އެންމެ އަނިޔާވެރި އެއް ގަތުލު ހިންގި އިރު، މާލޭގައި ހުރީ މަދު ސީސީޓީވީ ކެމެރާތަކެކެވެ. މިކަން ވީ އޭރު އެ ތަހުގީގަށް ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ.
މާލޭގައި ހުރި ސެކިއުރިޓީ ކެމެރާގެ އަދަދު އިތުރުކުރުމަށް ފުލުހުންގެ ޚާއްސަ މަގުޗާޓެއްގެ ދަށުން ރޭވީ އޭގެ އަހަރެއްހާ ދުވަސް ފަހުން، 2013ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ފަހަރު ފުލުހުން ނިންމީ މާލޭގައި ހުރި ސީސީޓީވީ ކެމެރާތަކުގެ އަދަދު 150އަށް އިތުރުކުރުމަށެވެ.
އޭގެ އަހަރުތަކެއް ފަހުން، 2014 ވަނަ އަހަރު ތެރޭ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނު ހާދިސާ ހިނގިއެވެ. މުޅި ރާއްޖެއާއި ދުނިޔޭގެ ސަމާލުކަން ލިބުނު މި ހާދިސާގެ ތަހުގީގަށް ވެސް އެޅުނު އެންމެ ބޮޑު ހުރަހަކީ ސީސީޓީވީ ފުޓޭޖް މަދުވުމެވެ.
ރިލްވާން ގެއްލުނު ރޭ، ހުޅުމާލެއަށް ދިޔުމަށް ފެރީ ޓާމިނަލަށް ވަނުމަށްފަހު، ދެން ވީ ގޮތް އެނގޭނެ އެއްވެސް ފުޓޭޖެއް ނެތެވެ. މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން ޖެހުނީ ޝައްކުވާ މަންޒަރުތަކެއް ފެނުނު ބައެއް މީހުންގެ ބަޔާން ނަގައިގެންނެވެ.
ރިލްވާން ގެއްލުނުތާ ހަތަރު މަހެއްހާ ދުވަސް ފަހުން ހުޅުމާލޭގެ 54 ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އޭގެ އަހަރެއްހާ ދުވަސް ފަހުން، 2016ވަނަ އަހަރު މުޅި ހުޅުމާލެ ކަވަރުވާ ގޮތަށް ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށްފައެވެ.
ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެ ސަރަހައްދުގައި އެކަށީގެންވާ ވަރަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް އަވަސްވެ ގަނެވުނީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ހައި ޕްރޮފައިލް ދެ ޖަރީމާއާ ގުޅިގެންނެވެ.
ސީސީޓީވީ ހުރުމަކީ ލާޒިމް ކަމެއް
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި، މީހުން އާބާދުވެ، ދިރިއުޅޭ ތަނެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކަށީގެންވާ ވަރަށް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
"ހަމައެކަނި ކުށެއް ހިނގުމުން ދެން އެ ހިންގާ ތަހުގީގަށް އެކަންޏެއް ނޫން. އޭގެ ކުރިން، މައްސަލަތައް ދެނެގަނެ، ކްރައިމް ޕްރިވެންޓު ކުރުމަށް ވެސް ވަރަށް މުހިއްމު އެއްޗެއް އެއީ،" ރިޔާޒް ވިދާޅުވިއެވެ.
އޭނާ ގަބޫލު ކުރައްވާ ގޮތުގައި މި ޒަމާނުގެ ސިޓީއެއް ޕްލޭން ކުރާއިރު، ރަނގަޅު ފެންވަރުގެ ސާވެއިލެންސް ނިޒާމެއް ގާއިމު ކުރުމަކީ ކޮންމެހެނަކުން ވެސް މުހިއްމު ކަމެކެވެ.
"އެތަން [ހުޅުމާލޭ ދެވަނަ ފިޔަވަހި] ޕްލޭން ކުރިއިރު ވެސް އަޅުގަނޑުމެން ފުލުހުންގެ ފަރާތުން ހުށަހެޅި ކަމެއް އެއީ،" އޭނާ ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވަނީ އަލަށް އާބާދު ކުރެވޭ ސަރަހައްދުތަކުގެ އާބަން ޕްލޭނިންގައި ސީސީޓީވީ ކެމެރާ ހިމެނުމަކީ ލާޒިމު ކަމެއް ކަމަށެވެ.
"އާބަންކޮށް، ބޮޑެތި ކޮށް މީހުން އެއްތަނަކަށް ޖަމާ ކުރާއިރު، މީހުން އުޅެން ފަށަން ވާއިރަށް އެ އިމާރާތްތަކާ އެކީގައި ހަމަ، ކެމެރާ ވެސް ހުންނަން ވާނެ. އެހެންނޫނީ އެތަންތަން ބަދަލުވާނީ ކުށުގެ ހާއްޔަކަށް،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރިއިރު، ކެމެރާ ހަރުކޮށްފައި ނެތުމުގެ ސަބަބުން، މިހާރު ވެސް އެތަނުގައި ކުށް ކުރުން އާންމުވެ، ގޭންގުތައް އޮޕަރޭޓް ކުރަމުން އެބައާދެއެވެ.
"ދުނިޔޭގައި ތަހުޒީބުވެފައި ހުރި ބޮޑެތި ހުރިހާ ސިޓީއެއްގައި ވެސް މިހާރު ފުލް ކަވަރޭޖް ހުންނާނެ. ހަމަ ކޮންމެ ކޯނާއަކު ކެމެރާ ހަރުކޮށްފަ ހުންނާނީ،" އުމަރު ފާހަގަ ކުރެއްވިއެވެ.
މި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެޗްޑީސީ އާއި ފުލުހުންގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އެންމެ ޒަމާނީ ފެންވަރަށް ތަރައްގީވެ، ބޮޑު އާބާދީއެއް ޖަމާ ވަމުން އަންނަ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރުމަށް މިހާރު ވެސް ވަރަށް ލަސްވެއްޖެއެވެ. ސުވާލަކީ، މިފަހަރު ބޮޑު ހާދިސާއެއް ހިނގުމުގެ ކުރިން އެ މަސައްކަތުގެ މުހިއްމުކަން ރޭކާލާނެބާއެވެ.