އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އޭނާ އިއުތިރާފްވުމުން ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އަލަމްގީރުގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ވަނީ ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ.
އެއަށްފަހު ދައުލަތުން ވަނީ އަލަމްގީރުގެ މައްޗަށް އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެއް އުފުލައިފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިއްރުކޮށްގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފުވެފައެވެ.
އެހެން ކަމުން ވީހާވެސް އަވަހަކަށް މައްސަލަ ނިންމަން ޖެހޭއިރު ދެން އޮންނަ ޝަރީއަތެއްގައި އަލަމްގީރުގެ މައްޗަށް ހުކުމް ކުރާނެއެވެ.
އެ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފައިވާއިރު އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދުނީ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ. އެހެންކަމުން ޖުމްލަ 1080 ދުވަސް އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ. އެއީ ގާތްގަޑަކަށް ތިން އަހަރެވެ. ތިން އަހަރު ހަމަ ނުވާން މަދުވަނީ 15 ދުވަހެވެ.
ނަމަވެސް ދައުލަތުން އެދުނު ވަރަށް ވުރެން ބޮޑުކޮށް ނުވަތަ އެއަށްވުރެ ކުޑަކޮށް ވެސް ހުކުމް ކުރުމުގެ ބާރު ގާޒީގެ އަތްޕުޅުގައި އޮންނާނެއެވެ.
އަލަމްގީރުގެ އިތުރުން މި މައްސަލައިގައި ހިމެނޭ ތިން ދިވެއްސެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ޤާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ.
މި މައްސަލައިގައި ހިމެނޭ ނާޒިމް ސައްތާރު އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، ކުށަށް ތައުބާވެފައިވާތީވެ ކުރިމިނަލް ކޯޓުން ވަނީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައެވެ. އަދި ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.