އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް ވެސް އޭނާ އިއުތިރާފުވެއްޖެއެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އަލަމްގީރުގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.
އެއަށްފަހު ދައުލަތުން ވަނީ އަލަމްގީރުގެ މައްޗަށް އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެއް އުފުލައިފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިއްރުކޮށްގެން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފުވެފައެވެ.
އެހެން ކަމުން ވީހާވެސް އަވަހަކަށް މައްސަލަ ނިންމަން ޖެހޭއިރު ދެން އޮންނަ ޝަރީއަތެއްގައި އަލަމްގީރުގެ މައްޗަށް ހުކުމް ކުރާނެއެވެ.
އަލަމްގީރުގެ އިތުރުން މި މައްސަލައިގައި ހިމެނޭ ތިން ދިވެއްސެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ޤާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ.
މި މައްސަލައިގައި ހިމެނޭ ނާޒިމް ސައްތާރު އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، ކުށަށް ތައުބާވެފައިވާތީވެ ކުރިމިނަލް ކޯޓުން ވަނީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައެވެ. އަދި ރާފިއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.