ޔުއެފާ ނޭޝަންސްލީގްގައި ރޭ ފްރާންސް އާއި އޮސްޓްރިއާ ބައްދަލުކުރިމެޗު ފްރާންސް ކާމިޔާބުކޮށް މުބާރާތުގައި ކުރިއަށްދިއުމުގެ އުއްމީދު އެޓީމުން އާ ކޮށްފިއެވެ.
އޮސްޓްރިއާ އާއި ފްރާންސް ބައްދަލުކުރިމެޗް ފްރާންސް ކާމިޔާބުކުރީ 0-2 އިންނެވެ. ރޭގެ މެޗަށް ފްރާންސް ނިކުތްއިރު ޓީމު ތެރޭގައި މައްސަލަތައް އުޅޭކަމުގެ އަޑުތައް ފެތުރިފައި އޮތްނަމަވެސް މެޗު ފެނުނީ ތަފާތުކޮށެވެ. މެޗު ފަށައިގެން ފްރާންސްގެ އެމްބަޕޭ އާއި ގްރިޒްމަން ވަނީ އޮސްޓްރިއާގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ފްރާންސަށް ކާމިޔާބުކޮށްދިނީ 56 ވަނަ މިނެޓް ތެރޭގައި އޮލިވިއޭ ޖީރޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކިލިއަން އެމްބާޕޭއެވެ. ފްރާންސްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 65 ވަނަ މިނެޓް ތެރޭގައި ގްރިޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮލިވިއޭ ޖީރޫއެވެ.
މި ގޯލާއެކު ޖީރޫ ހިމެނެނީ ފްރާންސްގެ ޤައުމީޓީމަށް ގޯލް ޖަހައިދިން އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާގެ އުމުރަކީ 35 އަހަރެވެ. މީގެ ކުރިން ފްރާންސް ޓީމަށް ގޯލް ޖަހައިދިން އެންމެ ދޮށީ ކުޅުންތެރިއަކީ ރޮޖާ މާޝްއެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފްރާންސް މިހާރު އުޅެނީ ފަސް ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ. މެޗުން ބަލިވި އޮސްޓްރިއާ އުޅެނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.
ޔުއެފާ ނޭޝަންސް ލީގްގައި ފްރާންސް ދެން ނިކުންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ޑެންމާކާ ދެކޮޅަށެވެ. އޮސްޓްރިއާ ނިކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ.