އެއްޖިންސުން ގުޅުން ހިންގިކަަމަށް އިއުތިރާފްވި ފުލުސް މީހާގެ މައްޗަށް ކުރި ހުކުމް ބޮޑު ކަމަށްބުނެ، ޕީޖީ އޮފީހުން އިސްތިއުނާފް ކުރުމަށް ނިންމުމުން ދައުލަތުގެ ސިޔާސަތާމެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަން ސާބިތުވި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި މ. ރަތްމަންދޫ, ޖަވާހިރުވާދީ އަބްދުއްރަހުމާނު ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ.
ފުލުސް މީހާގެ މައްޗަށް ކުރި ކުރި ހުކުމް ބޮޑުވުމުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިހާރު ވަނީ އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވި އާޒިމާ، "ސަން"އަށް ވިދާޅުވީ މުޖުތައު ތެރޭގައި ކަންބޮޑުވާ މިންވަރަށް އަށަގެންފައި އޮތް އެފަދަ ވިޔާނުދާ ކަމަކަށް ކުރި ހުކުމެއް ކުޑަވެގެން ދައުލަތުން އިސްތިއުނާފު ކުރުމަކީ އަދުގެ ޒުވާނުންނަށާއި އަންނާން އޮތް ޖީލަށް ވެސް ދެވޭ ނުރަނގަޅު މެސެޖެއް ކަމަށެވެ.
"މިހާ ބޮޑު ކަމެއްގައި އެހާ ކުޑަ ހުކުމެއް ކުރީމަ އަދި އެ ވެސް ބޮޑުވެގެން ދައުލަތުން މި އުޅެނީ. އަނެއްކާ އެމީހާއެއް ވެސް ނޫން އިސްތިއުނާފު މި ކުރީ. އެމީހާ ނޫންތޯ ދާންވީ. އޭނާ އެ ހުރީ ހުކުމް ގަބޫލުކޮށްގެން. އޭގެ ބަދަލުގައި ދައުލަތުން މި ދަނީ. ދައުވާ ކުރުމުގެ ކަންކަމަކީ ބަންޑާރަ ނައިބުގެ އޮފީހުގައި ހުރިއިރު އަޅުގަނޑުވެސް ބެލެހެއްޓި ބައެއް. ކުށް ބޮޑުވެގެން ދައުލަތުން އިސްތިއުނާފު މި ކުރީ އަލަށް. މިއީ ބޮޑު ގައުމެއް ބަންޑުން ޖައްސަވާލި ބޮޑު ބިރުވެރިކަމެއް،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވިގޮތުގައި ގައުމުން މިއަދު ފެންނަމުން މި އަންނަނީ ލިވާތު ކުރުން ފަދަ ފާހިޝް ޢަމަލުތައް ކުރުމަށް ސަރުކާރުން ހިތްވަރުދޭ މަންޒަރެވެ. އޭނާ ވިދާޅުވީ އެ ބުނެދެވެނީ އެފަދަ ބޮޑު ހަރާމް ކަމެއް ކުރިޔަސް އެމީހެއްގެ ދިފާއުގައި ދައުލަތުން ތެދުވާނެ ވާހަކަ ކަމަށެވެ.
"ޝެކްޝުއަލް އޮފެންސަސް އަކީ ކްރައިމްސްގެ ތިއަރީއަށް ބަލާއިރު ރިހެބިލިޓޭޝަނަށް އެންމެ އުނދަގޫ އޮފެންސަސް. އެ ފަދަ ކަމެއް މިހާ ކުޑަ ކަމަކަށް ދައުލަތުން ހަދައިގެން މި އުޅެނީ. އެއީ ގޯހެއް. މިއަކީ ނޫން ކްރައިމް ޕޮލިސީ ފެންނަޖްހޭ ގޮތަކީ،" އާޒިމާ ވިދާޅުވިއެވެ.
އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލި ގާނޫނީ ވަކީލް އަޙުމަދު ނާޒިމް އަބްދުއްސައްތާރު ޖަލަށްލުމުގެ ބަދަލުގައި ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދު ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ. އެއާއެކު ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލްމަގީރުގެ މައްޗަށް ކުށް ސާބިތުވެ އޭނާ ވެސް އަންނަނީ ހަތް މަހުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އިތުރު 40 ދައުވާއެއް އޭނާއާ ދެކޮޅަށް މިހާރު ވަނީ އުފުލާފައެވެ.
އަލަމްގީރާއެކު އެކި މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކް ކޮށްލާފައިވާއިރު އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކޮށް އަންނަނީ ތަހުގީގު ހިންގަމުންނެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު (ކާނަލް) ވެސް ހިމެނެއެވެ. އަދި ބައެއް މީހުންނަށް ވަނީ 'ކުދި' ހުކުމްތަކެއް ވެސް ކޮށްފައެވެ.